Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީޕީ އަލީ ޝުޖާ

ދީނަށް ފުރައްސާރަކުރާ މީހުންނާއި ހަށި ވިއްކާ ތަންތަން ހިންގާ މީހުންގެ މައްސަލަތައް ބަލާނެ: ސީޕީ

އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާއި، ހަށިވިއްކާ ތަންތަން ހިންގާ މީހުންގެ މައްސަލަތައް ފުލުހުންގެ ޚިދުމަތުގެ އައު ލީޑާޝިޕާއެކު އެ އިދާރާއިން ބަލައި ތަހުގީގުކޮށް ފިޔަވަޅުއަޅާނެކަމަށް އައު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝުޖާ ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މިހާރުވެސް ކަނޑައަޅާފައިވާ ކަންކަން ކަމަށެވެ.

"އެ މައްސަލަތައް ބެލުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްކުރާ ތަން ހަމަގައިމުވެސް މި ދައުރުގައި ފެނިގެންދާނެ،" ޝުޖާ ވިދާޅުވިއެވެ.

މިފަދައިން އައު ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވިއިރު ފާއިތުވި ފަސް އަހަރުގައި އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރި މީހުންގެ މައްސަލަތައް ފުލުހުންގެ އިދާރާއިން ތަހުގީގުނުކޮށް، އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅެއް އެ އިދާރާއިން އަޅާފައިނުވާތީ އާންމުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިތުރު ކަމެއްގެ ގޮތުގައި ޝުޖާ ފާހަގަކުރެއްވީ މަސާޖު ޕާލާގެ ނަމުގައި މާލެ ސަރަހައްދުގައި ހިންގަމުންދާ ހަށިވިއްކާ ތަންތަނުގެ މައްސަލައެވެ. "ގްރޭޓާ މާލެ އޭރިއާގައި ސްޕާގެ ނަމުގައި ހިންގާ ފާޙިޝް އަމަލުތައް ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް މިހާރުވެސްވަނީ ފެށިފައި،" އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ އެފަދަ ވިޔަފާރިތައް ހިންގާ މީހުން ބަލައި ހޯދައި، އެމީހުންނާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާ މަންޒަރު ވަރަށް އަވަހަށް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.

"އަދި އެފަދަ ވިޔަފާރިތައް ހިންގާ މީހުންނާއި، އޭގެ ނަފާ ލިބޭ މީހުން އަޅުގަނޑުމެން ބަލައި ފިޔަވަޅުއަޅާ ތަން ފެނިގެންދާނެ ގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކުރެވިގެންދާނެ،" ޝުޖާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ