ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ލޯކަލް ޓޫރިޒަމް ނުހިނގާ އެއް ސަބަބަކީ ކަނެކްޓިވިޓީ ނެތުން ކަމަށާއި، މި ސަރުކާރުގައި އެ މައްސަަލަ ހައްލުކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމް އިން ގެނެސްދިން 'ރާއްޖެ މިއަދު" ޕްރޮގުރާމުގައި ލޯކަލް ޓޫރިޒަމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ކ.މާފުށި ފަދަ މާލޭ ކައިރީ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ.
"ރާއްޖޭގެ ޖުމްލަ 15،000 ވަރަކަށް ބެޑު ގެސްޓުހައުސްތަކުގައި އެބަހުރި އެހެންވީމަ ކުރު މުއްދަތެއްގެ ތެރޭގައި ބެޑް އިތުރުވެގެންދިޔަ ސަބަބަކީ ކުޑަ އިންވެސްޓްމަންޓަކުން ގެސްޓު ހައުސް ވިޔަފާރި ފެށުން،" ރާއްޖޭގެ ލޯކަލް ޓޫރިޒަމަށް އިންވެސްޓުކޮށްގެން ތިބި 90 އިންސައްތަ ފަރާތްތަކަކީ ދިވެހިންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް މާލެއާ ދުރު އަތޮޅުތަކުގައި އަދި އެންމެ އެދެވޭ ގޮތެއްގައި ލޯކަލް ޓޫރިޒަމް ކުރިއަށް ނުދާކަމަށް ވިދާޅުވި އެވެ. ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ އެކްސެސް އެންޑް ކަނެކްޓިވިޓީ ނެތުމެވެ. އޭގެ ސަބަބުން މާލެ އަންނަ ފަތުރުވެރިޔާ ދުރު އަތޮޅެއްގައި ހުންނަ ގެސްޓުހައުސް އަށް ދިއުމަށް ޓިކެޓަށް ބޮޑު ހަރަދެއް ކުރަންޖެހެ އެވެ.
"އެހެންވީމަ އަތޮޅުތަކަށް ލޯކަލް ޓޫރިޒަމް ފެތުރުމަށްޓަކައި އެންމެ ބޮޑަށް ކުރަންޖެހޭ އެއް މަސައްކަތަކީ އެކްސެސް އެންޑް ކަނެކްޓިވިޓީ. އެގޮތުން ވަރަށް ބޮޑު ބެރިއާއަކަށް މިހާރު އެބަވޭ ފަތުރުވެރިއަކު އައްޑޫގައި ހުންނަ ގެސްޓުހައުސްއަކަށް ނުވަތަ މ. އަތޮޅު، ހއ. އަތޮޅުގައި ހުންނަ ގެސްޓުހައުސްއަކަށް ދަތުރުކުރަން ބޭނުންވަންޏާ ގެސްޓު އަތުން މޯލްޑިވިއަނުން އެބަ ޗާޖުކުރޭ ދިވެއްސަކު ދަތުރުކުރާ އަގުގެ އިތުރު ޗާޖެއް އެހެންވީމަ ޓިކެޓުގެ އަގު ވަރަށް ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ.
"މިކަން ހައްލުކުރެވިގެންދާނީ އެކި އަތޮޅުތަކުގައި ވަން އައިލެންޑް ކޮންސެޕްޓުތަކުގެ ރިސޯޓުތަކާ އެކީގައި ރައީސް ޑރ. މުއިއްޒު އެހެންވެ ވައުދުވެވަޑައިގެންނެވީ ޕްރޮޖެކްޓެއްގެ ގޮތުގައި ގެސްޓުހައުސްތަކެއް ގާއިމުކުރަން."
އެ ޕްރޮޖެކްޓާއެކު އަތޮޅުތަކުގައި ދެ ހާހެއްހާ ބެޑު ގާއިމުކުރެވުމުން އެއާލައިންތަކުން އެތަނަށް ދަތުރުފުކުރަން އެއްބަސްވާނެ ކަމަށާއި، އޭރުން ލޯކަލް ޓޫރިޒަމަށް މަގު ތަނަވަސްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ހަމަޖެހޭ އުސޫލުތަކެއްގެ ދަށުން، ލޯންގް ޓާމްކޮށް، ދިގު މުއްދަތަކަށް ސަސްޓެއިނަބަލްކޮށް ލޯކަލް ޓޫރިޒަމް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވެސް ގެންދެވޭނެ ގޮތަކަށް އެކަންކަން ތައްޔާރުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ވަރަށް ކޮންފިޑެންސް އެބަ އޮތް ރާއްޖޭގައި ހަމަ ޑރ. މުއިއްޒުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ލޯކަލް ޓޫރިޒަމް ވަރަށް ފުޅާ ދާއިރާއެއްގައި ތައާރަފުކުރާނަން. ލޯކަލް ޓޫރިޒަމަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ބޭންކުތައް މެދުވެރިކޮށް ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލޯނުތައް ލިބޭނެ ގޮތްތައް ފަހިކޮށްދޭނަން."