Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިލޭންޑް އޭވިއޭޝަން

ޤައުމީ އެއާލައިނުގެ ބޭރުގެ ދަތުރުތައް ފުޅާކުރުމަށް ވައިޑް-ބޮޑީ އެއާކުރާފްޓެއް ހޯދުމަށް އިއުލާނުކޮށްފި

ޤައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ފުޅާކޮށް އިތުރުކުރުމަށްޓަކައި ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއާބަސް އޭ-330-220 މަރުކާގެ މަތިންދާބޯޓެއް ޑްރައި ލީސް އުސޫލުން އެ ކުންފުންޏަށް ބޭނުންވާ ކަމަށެވެ. އެ މަތިންދާބޯޓަކީ މޯލްޑިވިއަންއިން ރާއްޖެއިން ބޭރުގެ މަންޒިލުތަކަށް ކުރާ ސީދާ ދަތުރުތައް އިރުކުރަން ހޯދާ މަތިންދާބޯޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑްރައި ލީސްގެ އުސޫލުން ނަގާ މަތިންދާބޯޓު މަރާމާތުކުރުމާއި ތެޔޮ އެޅުމާއި ފަޅުވެރިން ހަމަޖެއްސުން ފަދަ މަތިންދާބޯޓު އޮޕަރޭޓުކުރުމުގައި ކުރަންޖެހޭ ހުރިހާ ޚަރަދެއް ހަމަޖައްސާނީ އެ އުޅަނދު ކުއްޔަށް ނަގާ ފަރާތުންނެވެ.

އައިލެންޑް އޭވިއޭޝަނުން ހުޅުވައިލި ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އޮންނާނެއެވެ. އަދި އެ ބިޑު ހުޅުވައިލިއިރު އައިލެންޑު އޭވިއޭޝަނުން ބުނެފައިވަނީ ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި އެ މަތިންދާބޯޓު ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.

ވައިޑް-ބޮޑީ އެއާ ކުރާފްޓު ގެނެސް ޤައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން މޯލްޑިވިއަންއަށް ހަމަޖައްސައިދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސްވަނީ ނިންމަވާފައެވެ.

މި މަހުގެ 17 ވަނަ ދުވަހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާނުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެފައިވަނީ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ޤައުމީ އެއާލައިނަށް ހަމަޖެއްސުމާއެކު، އެ މަތިންދާބޯޓު އޮޕަރޭޓުކުރުމަށް ހަމަޖައްސަންޖެހޭ އެހެނިހެން އިންތިޒާމުތައް ހަމަޖެއްސެވުމަށް ކެބނިެޓުން ނިންމާފައިވާ ކަމަށެވެ.

"ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ފަތުރުވެރިން ގެނެވޭނެ މަންޒިލުތަކަށް ޤައުމީ އެއާލައިން މޯލްޑިވިއަންއިން ސީދާ ދަތުރުތައް، ނޮން ސްޓޮޕް ފްލައިޓްސް ފެށުމަށްޓަކައި ވައިޑް ބޮޑީ އެއާކްރާފްޓްސް އޮޕަރޭޝަން ތައާރަފުކުރުމުގެ ގޮތުން އިންވެސްޓުކުރަންޖެހޭ ފައިސާގެ އަދަދު މިނިސްޓްރީ އޮފް ފިނޭންސްއަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލެންޑް އޭވިއޭޝަން ސާވިސަސްއަށް ލިބޭނެ ގޮތް ހެދުމަށް ނިންމަވާފައިވޭ،" ޝަހީބު ވިދާޅުވިއެވެ.
އޭގެ އިތުރަށް ވައިޑް ބޮޑީ ދެ އެއާކްރާފްޓު އައިލެންޑް ސާވިސަސްއަށް ހޯދުމަށް ނިންމަވާފައިވެއެވެ. އަދި އެ އޮޕަރޭޝަނުގެ އަގުހެޔޮ ކުރުމަށްޓަކައި ބައެއް ކަންކަން ތަންފީޒުކުރުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ. އެގޮތުން ތެލާއި ހޭންޑްލިންއާއި ޕާކިންގެ ޚަރަދުތައް ކުޑަކުރެވޭނެ އިންތިޒާމުތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ ވާހަކަދައްކައިގެން ހަމަޖެއްސުމަށްވަނީ ނިންމާފައެވެ.

އަދި އައު މަންޒިލުތަކަށް ދަތުރުކުރަން ފެށުމުގައި ބޭރުގެ ޤައުމުތަކުން ބޭނުންވާ އެހީތެރިކަން އެ ޤައުމުތަކާ މަޝްވަރާކޮށްގެން ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ މަޝްވަރާކޮށްގެން ކުރިއަށްގެންދެވުމަށް ނިންމަވާފައިވެއެވެ. މި މަޝްރޫޢުގެ ތެރެއިން ދަތުރުކުރާނެ އެންމެ މުހިއްމު މަންޒިލުތަކުގެ ގޮތުގައި ޗައިނާގެ މަންޒިލުތައް ހަމަޖެއްސުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ނިންމަވާފައިވެއެވެ.

ޗައިނާއަށް ދަތުރުތައް ފެށުމަށް އެ ޤައުމުން ބޭނުންވާ ޚާރިޖީ އެހީތައް ހަމަޖެއްސުމުގެ ކަންކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ ގުޅިގެން ކުރިއަށްގެންދިއުމަށްވެސްވަނީ ނިންމާފައެވެ.

ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ ޖަމްއިއްޔާ މާޓޯޓީއިން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޤައުމީ އެއާލައިން ފުޅާނުކުރެވި އޮތުމެވެ. ޤައުމީ އެއާލައިނުން ބޭރުގެ އެކި މަންޒިލުތަކަށް ދަތުރުކުރަން ފެށުމުން އެއާލައިނަށް ފައިދާވުމުގެ އިތުރަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އެ ޖަމްއިއްޔާއިން ދެކެއެވެ.

2018 ވަނަ އަހަރުގެ ނިޔަލަށް ޤައުމީ އެއާލައިނުން ދިޔައީ ޗައިނާއާ ރާއްޖެއާ ދެމެދު ޗާޓަރު ފުލައިޓުތަކެއް ހިންގަމުންނެވެ. ނަމަވެސް ކުރީ ސަރުކާރުގައި ޤައުމީ އެއާލައިނަށް އައި ހީނަރުކަމުގައި އެ ދަތުރުތައް ހުއްޓުނު ގޮތަށް ފަހުން ދަތުރުތައް ފެށިފައިނުވެއެވެ.
މި ލިއުމާއި ގުޅޭ