ފެށޭ އައު އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އިތުރުކުރުން ކަމަށާއި، އެކަމަށްޓަކައި އައު ބާޒާރުތަކުން ފަތުރުވެރިން ގެނައުމަށް އިސްކަންދޭނެކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ އައު އަހަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ. އެކަމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެ އިދާރާ ގުޅިގެން ކުރާނެ އެއް މަސައްކަތަކީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ ބާޒާރުތަކުން ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަކީ އިސްކަންދީގެން ކުރާނެ ކަމެއްކަމަށް ފައިސަލް ވިދާޅުވިއެވެ.
އެގޮތުން ޚާއްޞަ ސަމާލުކަމެއްދީގެން ރަޝިޔާގެ ބާޒާރުން ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު ރަޝިޔަން މާކެޓަކީ ރާއްޖޭގައި އެންމެ ލީޑިން އެއް މާކެޓު. އެހެންވީމާ ރަޝިޔަން މާކެޓަށް ފޯކަސްކޮށްގެން ވަރަށް ވަރުގަދަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން، އެމާކެޓުން އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތަކެއް ހޯދުމަށް،" ފައިސަލް ވިދާޅުވިއެވެ.
އަންނަ އަހަރަށް ސަރުކާރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަން ފާހަގަކުރައްވައި ފައިސަލު ވިދާޅުވީ އެ އަމާޒު ހާސިލުކުރުމަށް އިތުރު މާކެޓުތައްވެސް ހޯދަންޖެހޭ ކަމަށެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދެ ސެގްމެންޓުކަމަށްވާ ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށްވެސް މާކެޓުކުރުމުގައި ހަމަހަމަ ފުރުސަތެއް ހޯދައިދެއްވާނެ ކަމަށެވެ. އަދި ހަމައެހެންމެ ފަތުރުވެރިންނާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް މާކެޓުތައް ދެނެގަނެ ފުޅާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.