ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ބިން ހިއްކުމަށް ކޮންނަން ފަށައިފިއެވެ.
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ބިން ހިއްކުމަށް ކޮނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން ގޯތި ލިބިގެންދާނެ ކަމަށާއި ވެލިފުކެއްގެ މިންވަރު ވެސް އުނިނުކޮށް އިތުރަށް ފުރިހަމަކޮށްދެވޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ ލިމިޓެޑް (ސީއެމްސީ) އާއެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރާނީ ބޮސްކާލިސް ކުންފުނިންނެވެ.
މިއަދާ ހަމަޔަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ''ރަސްމާލެ'' ހިއްކުމުގެ މަސައްކަތް އިފުތިތާހުކޮށްދެއްވައި ރައީސް ވިދާޅުވެފައިވަނީ ގިރާވަރުފަޅާއި، ގުޅިފަޅާއި، ހުޅުމާލެ، މި ތަންތަނާ އެކީގައި، ފުށިދިއްގަރު ފަޅުގައި ހިއްކޭ ބިން ހިކިގެން ދިޔުމުން، މާލޭގެ ރައްޔިތުންނަށް، ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލަ ތާއަބަދަށް ހައްލުވެގެންދާނެ ކަމަށެވެ.