Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުއާޒު ރަޝީދު

މުވައްޒަފުން ދޫކޮށްލުމުން ޕޭރޯލުން 5 މިލިއަން ސަލާމަތް ކުރެވިއްޖެ: މުއާޒް

ފެނަކައިގެ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލުމުން، މުސާރައަށް ކުންފުނިން ކުރާ ހަރަދުން ފަސް މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދް ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ސަރުކާރު ބަދަލުވެ، ކުންފުނިތަކުގެ މެނޭޖްމަންޓަށް އައި ބަދަލާއެކު ފެނަކައިން ވަނީ 904 މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރަން ނިންމައި، އެމީހުން ދޫކޮށްލާފަ އެވެ. އެކަމާ ގުޅިގެން އިދިކޮޅުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އެއީ މަސައްކަތް ކުރިއަށްނުދާ މަޝްރޫއުތައް ނުވަތަ ނިމިފައިވާ މަޝްރޫއުތަކުގެ މުވައްޒަފުން ކަމަށް ފެނަކައިން ކުރިން ބުނެފައިވެ އެވެ.
އެ ކުންފިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީ މުއާޒް ވިދާޅުވީ ފެނަކައިގެ ޖުމްލަ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، އޭގެ އިތުރުން އޮތް އަނެއް މައްސަލައަކީ ބޭނުންނުވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނަގާފައިވުން ކަމަށެވެ.
މުއާޒް ވިދާޅުވި ގޮތުގައި ފެނަކަ އޮތީ އޯވާ ސްޓާފްވެފަ އެވެ. 2018 ވަނަ އަހަރު ނިމުނުއިރު 2700 ސްޓާފުން އެ ކުންފުނީގައި ތިބި އިރު، މިދިޔަ މަހު އާ ސަރުކާރު ހަވާލުވިއިރު 8100 ސްޓާފުން އެ ކުންފުނީގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، ކުރީ ސަރުކާރުގައި ނެގި 5،400 މުވައްޒަފުންގެ އިތުރުވުމެކެވެ.
"މިއީ މީގެ ކުރީގަ 20 މިލިއަން ރުފިޔާ އެވްރެޖް ގޮތެއްގައި މަހަކަށް ވޭޖަށް ހަރަދުކުރަމުންދިޔަ ކުންފުންޏެއް، މިހާރު އަޅުގަނޑުމެން ހޭދަކުރަން އެބަޖެހޭ 74 މިލިއަން ރުފިޔާ އެވްރެޖްކޮށް އެބަ ހޭދަކުރަންޖެހޭ މަހަކަށް،" މުވައްޒަފުންގެ މުސާރައަށް މިހާރު ކުރަންޖެހޭ ހޭދައާ ގުޅޭގޮތުން މުއާޒް ވިދާޅުވި އެވެ.
"އެހެންވީމަ ވަރަށް ބޮޑު އަދަދެއް އިތުރުވެފަ މިއޮތީ. 74 މިލިއަން ރުފިޔާ އެވްރެޖްވާއިރުގަ އަޅުގަނޑުމެން ހަވާލުވިތާ އަދި މަހެއްވެސް ނުވޭ އަޅުގަނޑުމެން ހޭދަކުރިން އެންމެ ފަހުން މުސާރަ ދިން އިރުވެސް 79 މިލިއަން ރުފިޔާ."
މުވައްޒަފުންގެ މުސާރައަށް އެކަނި 79 މިލިއަން ހަރަދުކުރުމަކީ ކުންފުނި އޮތް ހާލަތުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އޭނާ ވިދާޅުވީ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލަން ޖެހުނީ އެހެންވެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މަޖުބޫރުވީ ބައެއް ސްޓާފުންގެ، ކޮންޓްރެކްޓް ސްޓާފުންގެ ކޮންޓްރެކްޓުތައް އާނުކޮށް ދޫކުރަން. އެ މަޖުބޫރުވާ ސަބަބުތަަކަކީ އެ ޕްރޮޖެކްޓުތަކަކީ އެކަށީގެންވާ ގޮތަށް ހިނގަމުންދާ ޕްރޮޖެކްޓުތަކަށް ނުވާތީއާއި ޕޭރޯލް ކުޑަކުރަން މަޖުބޫރުވާތީ،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ސަރުކާރު ވެރިކަމާ ހަވާލުވެ، އޭނާ ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަންކުރި ފަހުން މުވައްޒަފުންގެ ޕޭރޯލަށް ހަރަދުކުރާ ފައިސާއިން މިހާތަނަށް ވަނީ ފަސް މިލިއަން ރުފިޔާ މަދުކޮށްފަ އެވެ.
"ޕޭރޯލް ކުޑަނުކޮށް އަޅުގަނޑުމެންނަށް މި ކުންފުނި ސަވައިވްއެއް ނުކުރެވޭނެ. އެހެންވީމަ ޕޭރޯލް ކުޑަކުރަން އަޅުގަނޑުމެންނަށް މަޖުބޫރު. އެގޮތަށް މިހާތަނަށް ކުރި މަސައްކަތްތަކުން އެކަނިވެސް 5 މިލިއަން ރުފިޔާ އަޅުގަނޑުމެން ސޭވް ކޮށްފަ މިއޮތީ،" އޭނާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ