Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

5 އަހަރުން ފެނަކައަށް 5،400 މުވައްޒަފުން ނެގި، މުސާރައަށް މަހަކު 74 މިލިއަން

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފެނަކައަށް 5،400 މުވައްޒަފުން ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިއްޔެ ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއާޒު ރަޝީދު ވިދާޅުވީ، ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު އަނެއް މައްސަލައަކީ ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނަގާފައިވުން ކަމަށެވެ.
ލޯނުގެ ގޮތުގައި ނަގާފައިވާ 871 މިލިއަން ރުފިޔާއާއި، ޕޭޔަބަލްސްގެ ގޮތުގައި އެކިއެކި ފަރާތްތަކަށް ދޭންޖެހޭ 3.2 ބިލިއަން ރުފިޔާއާއެކު ފެނަކައިގެ ޖުމްލަ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވި ގޮތުގައި ފެނަކަ އޮތީ އޯވާ ސްޓާފްވެފަ އެވެ. 2018 ވަނަ އަހަރު ނިމުނުއިރު 2700 ސްޓާފުން އެ ކުންފުނީގައި ތިބި އިރު، މިދިޔަ މަހު އާ ސަރުކާރު ހަވާލުވިއިރު 8100 ސްޓާފުން އެ ކުންފުނީގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، ކުރީ ސަރުކާރުގައި ނެގި 5،400 މުވައްޒަފުންގެ އިތުރުވުމެކެވެ.
"މިއީ މީގެ ކުރީގަ 20 މިލިއަން ރުފިޔާ އެވްރެޖް ގޮތެއްގައި މަހަކަށް ވޭޖަށް ހަރަދުކުރަމުންދިޔަ ކުންފުންޏެއް، މިހާރު އަޅުގަނޑުމެން ހޭދަކުރަން އެބަޖެހޭ 74 މިލިއަން ރުފިޔާ އެވްރެޖްކޮށް އެބަ ހޭދަކުރަންޖެހޭ މަހަކަށް،" މުވައްޒަފުންގެ މުސާރައަށް މިހާރު ކުރަންޖެހޭ ހޭދައާ ގުޅޭގޮތުން މުއާޒް ވިދާޅުވި އެވެ.
"އެހެންވީމަ ވަރަށް ބޮޑު އަދަދެއް އިތުރުވެފަ މިއޮތީ. 74 މިލިއަން ރުފިޔާ އެވްރެޖްވާއިރުގަ އަޅުގަނޑުމެން ހަވާލުވިތާ އަދި މަހެއްވެސް ނުވޭ އަޅުގަނޑުމެން ހޭދަކުރިން އެންމެ ފަހުން މުސާރަ ދިން އިރުވެސް 79 މިލިއަން ރުފިޔާ."
މުވައްޒަފުންގެ މުސާރައަށް އެކަނި 79 މިލިއަން ހަރަދުކުރުމަކީ ކުންފުނި އޮތް ހާލަތުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އޭނާ ވިދާޅުވީ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލަން ޖެހުނީ އެހެންވެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މަޖުބޫރުވީ ބައެއް ސްޓާފުންގެ، ކޮންޓްރެކްޓް ސްޓާފުންގެ ކޮންޓްރެކްޓުތައް އާނުކޮށް ދޫކުރަން. އެ މަޖުބޫރުވާ ސަބަބުތަަކަކީ އެ ޕްރޮޖެކްޓުތަކަކީ އެކަށީގެންވާ ގޮތަށް ހިނގަމުންދާ ޕްރޮޖެކްޓުތަކަށް ނުވާތީއާއި ޕޭރޯލް ކުޑަކުރަން މަޖުބޫރުވާތީ،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ސަރުކާރު ވެރިކަމާ ހަވާލުވެ، އޭނާ ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަންކުރި ފަހުން މުވައްޒަފުންގެ ޕޭރޯލަށް ހަރަދުކުރާ ފައިސާއިން މިހާތަނަށް ވަނީ ފަސް މިލިއަން ރުފިޔާ މަދުކޮށްފަ އެވެ.
"ޕޭރޯލް ކުޑަނުކޮށް އަޅުގަނޑުމެންނަށް މި ކުންފުނި ސަވައިވްއެއް ނުކުރެވޭނެ. އެހެންވީމަ ޕޭރޯލް ކުޑަކުރަން އަޅުގަނޑުމެންނަށް މަޖުބޫރު. އެގޮތަށް މިހާތަނަށް ކުރި މަސައްކަތްތަކުން އެކަނިވެސް 5 މިލިއަން ރުފިޔާ އަޅުގަނޑުމެން ސޭވް ކޮށްފަ މިއޮތީ،" އޭނާ ވިދާޅުވި އެވެ.
ދަރަނި އިންތިހާއަށް ގޮސްފައިވާތީ، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޕްލޭނެއް އެކުލަވާލައި، ވީހާވެސް ގިނަ ސަޕްލަޔަރުންނަށް ވީއެންމެ އަވަހަކަށް ފައިސާ ދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވި އެވެ. މަސައްކަތް ކުރަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެ ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަށެވެ.
މި ލިއުމާއި ގުޅޭ