ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވައްޓައިލުމަށް ފުރުސަތު ނުދެއްވާނެކަމަށާއި، މި ފަސް އަހަރުގެ ދައުރު ނިމެންދެން މި ސަރުކާރު ދެމިއޮންނާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ވިދާޅުވެއްޖެއެވެ.
ރަޖިސްޓަރީނުކޮށް ނޫހެއްގެ ސިފާގައި ހިންގަމުން އައި ދެ ވެބްސައިޓެއް ބްލޮކުކުރިކަމަށް ބުނެ، ސަރުކާރުން ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާކަމަށް ތުހުމަތުކޮށް އެވެބްސައިޓުތަކަށް ވަދެވޭ ގޮތް ހެދުމަށް ގޮވައިލާ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު މިއަދު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން ސަލީމުވަނީ ސަރުކާރަށް ކުރާ ތުހުމަތުތަކަށް ރައްދުދެއްވާފައެވެ.
އެގޮތުން ސަލީމު ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްނާޅާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ސިފަކުރައްވައި ސަލީމު ވިދާޅުވީ ހުރިހާ ނޫހެއްގައި ބޭނުން ކޮންމެ ވާހަކައެއް ލިޔަމުން އަންނަ ކަމަށެވެ. އެހެންކަމުން ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ ހައްގު ނިގުޅައިގަނެފިކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް މުޢިއްޒުގެ ސަރުކާރުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ތަނަވަސްކޮށް އެދަނީ ދެމުން. ނޫސްތަކުން ބޭނުން ވާހަކައެއް އެދަނީ ދައްކަމުން. މިއީ ހަދައިގެން ދައްކަމުންދާ ވާހަކައެއް،" ސަލީމު ވިދާޅުވިއެވެ.
ސަލީމު އިތުރަށް ވިދާޅުވީ މިފަދައިން ކުއްލި މައްސަލަތައް ހުށަހެޅުމަށްވުރެ ސަރުކާރު ހިންގުމަށް އެހީތެރިވުމަށް ވަޒީރުންނަށް ރުހުންދިނުން މާ ބޭނުންތެރި ކަމަށެވެ. އެއީ ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް ރާވައިގެން މަޖިލީހުގެ ޗުއްޓީއާ ހަމައަށް ވަޒީރުންނަށް ރުހުން ނުދީ ހިފަހައްޓައިލީ ސަރުކާރު ވައްޓައިލުމުގެ ނިޔަތުގައިކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
"ގެއްލުނު އެއްޗެއްގެ ބޮޑުކަމުން، ލިބުނު އެއްޗެއްގެ ބޮޑުކަމުން ޖެހިގެން އައި ސަރުކާރު އައިމާ، ސަރުކާރު ވައްޓާލަން ރުހުން ނުދޭން މަސައްކަތްކުރަނީ. ރުހުންވެސް ހޯދާނަން އިރާދަކުރެއްވިއްޔާ. މިސަރުކާރުވެސް ވައްޓައިނުލެވޭނެ،" ސަލީމު ވިދާޅުވިއެވެ.
އިތުރަށް ސަލީމުވަނީ މަޖިލީހުގެ ރައީސް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމަށް ސަރުކާރު ވައްޓައިލުމަށް ރާވައިގެން ކަންތައްތަކެއް ހިންގަވާކަމަށް ތުހުމަތުކުރައްވައި، އޭނާ މަޖިލީހުގެ ރިޔާސަތުންވެސް ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.