Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިގެ ޖަނަރޭޓަރުތަކުގެ 53 އިންސައްތަ ޖަނަރޭޓަރު ހުރީ މަރާމާތުނުކޮށް

ފެނަކަ ކުންފުނިން ހިންގާ އިންޖީނުގެތަކުގައި ބޭނުންކުރާ ޖަނަރޭޓަރުތަކުގެ 53 އިންސައްތަ ޖަނަރޭޓަރު ހުރީ މަރާމާތުނުކުރެވިކަމަށް އެ ކުންފުނިން ބުނެފިއެވެ.

އިއްޔެ ފެނަކައިގެ އައު މެނޭޖުމެންޓުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސާ ޢަބްދުﷲ ނާޝިތު ވިދާޅުވީ ފާއިތުވި ފަސް އަހަރު ފެނަކައަށް 299 ޖެނެރޭޓަރު ސެޓު ގަންނަން 674.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

އައު ޖަނަރޭޓަރު ގަތުމަށް ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި ނަމަވެސް އެކަމުގެ ސަބަބުން ކުންފުންޏަށް އެކަށީގެންވާ ފައިދާއެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އައު ޖަނަރޭޓަރު ގަތުމުން ކުންފުންޏަށް ލިބެންވާ ފައިދާ ނުލިބޭ މައިގަނޑު ސަބަބެއްގެ ގޮތުގއި ނާޝިތު ފާހަގަކުރެއްވީ ކުންފުނީގެ މިލްކިއްޔާތުގައި ހުރި ގިނަ ޖަނަރޭޓަރުތަކެއް މަރާމާތުކޮށް ބެލެހެއްޓުމުގައި އިހުމާލުވެފައިވުމެވެ.

"ފާއިތުވި ތަނުގައި މަރާމާތުކުރުމަށް އަޅުގަނޑުމެން އިސްކަންނުދިނުމުގެ ސަބަބުން ޖަނަރޭޓަރުތަކުގެ 53 އިންސައްތަ ޖަނަރޭޓަރު މިހާރުވެސް ހުރީ މެއިންޓެއިން ކުރަންޖެހިފައި.،" ނާޝިތު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ބައެއް ރަށްރަށުގައި ކަރަންޓު ނުދެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

އަދި ފާއިތުވި ފަސް އަހަރު މަރާމާތަށާއި އާބާތުރަ ފިލުވައި ބެލެހެއްޓުމަށް 275 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ނާޝިތު ވިދާޅުވިއެވެ. އެހެންނަމަވެސް ޖަނަރޭޓަރުތައް މަރާމާތުކޮށް ބެލެހެއްޓުމުގައި ރަނގަޅު އުސޫލުތަކެއް ގެންގުޅެވިފައި ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބައެއް ޖަނަރޭޓަރު ސެޓުތައް މަރާމާތުނުކޮށް ދޫކޮށްލާފައިވާއިރު، އެހެން ބައެއް ސެޓުތަކަށް ފޭކު ސްޕެއާ ޕާޓުތައް ލުމުން އެތަކެތީގެ އުމުރު ކުރުވެ ބޭނުންކުރެވޭ މުއްދަތު ކުޑަވެފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ހޭދައެއް ސްޕެއާތަކަށް ކުރި ނަމަވެސް މި ސްޕެއާތަކަކީ ފޭކު ނުވަތަ ޖެނުއައިން ސްޕެއާއަށް ނުވުމުން ކުންފުނިން ވަރަށް ބޮޑު ހޭދަތަކެއް ކޮށް ވަރަށް ބޮޑު ގެއްލުން ލިބިފައިވޭ،" ނާޝިތު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ