ފެނަކައިގެ ދަރަނި ނުކަތާވަރަށް ގޮސްފައިވާކަމަށާއި، ވީހާވެސް ގިނަ ސަޕްލަޔަރުންނަކަށް ދޭންޖެހޭ ފައިސާ ދެވޭތޯ މަސައްކަތްކުރާނެކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިގެ ފަރާތުން ސަޕްލަޔަރުންނަށް ދޭންޖެހޭ 3.29 ބިލިއަން ރުފިޔާ ވާއިރު، އެ ފައިސާ ނުދީގެން މީގެ ކުރިންވެސް ސަޕްލަޔަރުން ވަނީ، ފެނަކައިގެ މައި އޮފީސް ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ. އެކަމަކީ ކުރީގެ ސަރުކާރު ނިމުނު އިރުވެސް ހައްލެއް ލިބިފައިވާ ކަމެއް ނޫނެވެ.
އެހެންކަމުން، ފެނަކައިގެ ފަރާތުން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ދޭން މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވެއްޖެއެވެ.
މުއާޒް އިތުރަށް ވިދާޅުވީ ފެނަކައިން މީގެ ކުރީގައި އެކި ފަރާތްތަކުގެ އަތުން ބޮޑެތި ލޯނުތަކެއް ނަގާފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ފަރާތުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ޖުމްލަ 4.1 ބިލިއަން ރުފިޔާއަށް އަރާކަން މުއާޒް ފާހަގަކުރެއްވިއެވެ. އެހެންކަމުން ފެނަކައިގެ ފަރާތުން މިހާރު މަސައްކަތްކުރަމުންދަނީ، ވީހާވެސް ގިނަ ސަޕްލަޔަރުންނަށް ފައިސާ ދެވޭތޯކަމަށް މުއާޒް ވިދާޅުވިއެވެ.
މިއަދު ފެނަކައިގެ އިސް މަގާމުތަކުގެ ބޭފުޅުން ހިމެނޭހެން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، މީގެ ކުރިން އެ ކުންފުނިން ހަދާފައިވާ ބޮޑެތޮ ގޯސްތައް ހާމަކޮށްފައިވެއެވެ. އެގޮތުން، ފެނަކައިގެ ފަރާތުން ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދޭންޖެހޭ 1.88 ބިލިއަން ރުފިޔާ ވާކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަވެގެންދިޔައެވެ. އެފްއެސްއެމް ގެ އިތުރުން 764 ފަރާތަކަށް، ފެނަކައިގެ ފަރާތުން ދައްކަންޖެހޭ އެކިއެކި ފައިސާ އެބަހުއްޓެވެ.
އަދި، ފެނަކައިގެ ފަރާތުން 6 މިލިއަން ރުފިޔާ ދޭންޖެހޭ 280 ފަރާތެއްވާކަން މިއަދުގެ ބައްދަލުވުމުގައި މުއާޒް ފާހަގަ ކުރައްވާފައިވެއެވެ. ނަމަވެސް، ކުންފުނީގެ ހާލަތު ހުރިގޮތުން އެ ފައިސާ ދެއްކޭނެ ވަކި ތާރީހެއް ނޭންގޭކަމަށް މުއާޒް ވިދާޅުވިއެވެ.
ފެނަކައަކީ ގަވައިދުން އެހެން ކުންފުނިތަކުގެ މުދަލުގެ ހިދުމަތް ހޯދަމުން އަންނަ ކުންފުންޏަކަށް ވުމުން އެ ފައިސާތައްވެސް ދެއްކޭނެ ގޮތެއް ވޭތޯ ބަލާކަމަށާއި، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އެކި އެކި މަސައްކަތް ކުރަމުން އަންނަކަން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަން ހޯދަމުން ދާކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސެއިން ޒުހުރީ ވިދާޅުވީ، ބައެއް ސަޕްލަޔަރުން އެ ކުންފުންޏަށް ފޭކު ސްޕެއާ ޕާޓްސް ވިއްކާފައިވާކަމަށެވެ. އަދި، އޭގެ ސަބަބުން ޖަނަރޭތަރުތައް މަރާމާތުކުރަން ޖެހޭލެއް އަވަސްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.