ފެނަކައިން އެހެން ބަޔަކަށް ހަވާލުނުކޮށް އެ ކުންފުނިން އަމިއްލަަށް ހިންގި ބައެއް މަޝްރޫޢުތަކުގެ އަސްލު އަގަށްވުރެ އިތުރަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކުންފުނިން ހޭދަކޮށްފައިވާކަން އެ ކުންފުނީގެ އައު މެނޭޖިން ޑިރެކްޓާ މުހައްމަދު މުއާޒު ރަޝީދު ހާމަކުރައްވައިފިއެވެ.
ފެނަކައިގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ، އެ ކުންފުނިން އަމިއްލައަށް ކޮންސްޓްރަކްޝަން މަސައްކަތްކުރަން ފެށުމަކީ، 2021 ވަނަ އަހަރުން ފެށިގެން ފެނަކައަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނު ކަމެއް ކަމަށެވެ.
"އިންހައުސްކޮށް ޕްރޮޖެކްޓުތައް ހިންގަން ފެށުމުގެ ނަތީޖާއަކީ ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވުން،" މުއާޒު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންހައުސްކޮށް ހިންގަން ފެށި ގިނަ މަޝްރޫޢުތައް އަދިވެސް ނުނިމެއެވެ.
އެއާއެކު މުއާޒު ފާހަގަކުރެއްވި ގޮތުގައި އިމާރާތްކުރުމުގެ ދާއިރާއަށް ވަނުމަށް ފެނަކައިން ނިންމައި، އެގޮތަށް އަމިއްލައަށް އިމާރާތްކުރުމުގެ މަޝްރޫޢުތައް ހިންގަން ފެށިއިރު، އެ ދާއިރާއަށް ފެނަކައިން ވަނުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައި އޮތްކަމަށް ފެންނަން ނެތެވެ.
"އެހެންވީމާ ބޯޑުގެ އެޕްރޫވަލް ނެތި މިވަރުގެ ބޮޑު ނިންމުމެއް ކުންފުނީގެ މެނޭޖުމެންޓަށް ނިންމިދާނެތޯ އަޅުގަނޑުމެން ސުވާލު އުފައްދަން،" މުއާޒު ވިދާޅުވިއެވެ.
މުއާޒު ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް އެ ކުންފުނިން ހިންގާ 60 މަޝްރޫޢު އޮތްއިރު އެ މަޝްރޫޢުތަކަށް މިހާތަނަށް 960 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެހާ ބޮޑު އަދަދެއް އެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިހުރި ނަމަވެސް އެ މަސައްކަތްތައް ނުނިމޭކަން މުއާޒު ފާހަގަކުރެއްވިއެވެ.
ހއ.ދިއްދޫގައި ފެނަކައިން އަޅަމުންދާ 23 މިލިއަން ރުފިޔާގެ އިމާރާތަކަށް މިހާތަނަށް ކުރި ޚަރަދަށް ބަލާއިރު އެ މަޝްރޫޢު ނިމޭއިރު 115 މިލިއަން ރުފިޔާ އެ މަޝްރޫއަށް ޚަރަދުވާނެކަމަށް ބެލެވޭ ކަމުގައި މުއާޒު ވިދާޅުވިއެވެ.
މުއާޒުވަނީ އިތުރު މިސާލުތައްވެސް ދައްކަވާފައެވެ. އެ މިސާލުތަކުގައި އޭނާ ފާހަގަކުރެއްވީ ބިޑުކޮށްގެން އެހެން ބަޔަކާ ހަވާލުކޮށްގެން 20 މިލިއަން ރުފިޔާއަށް ނިންމެން ހުރި މަޝްރޫޢުތަކުގެ އަގު އެތައް ސަތޭކަ މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
އެމްޑީ ފާހަގަކުރެއްވި ގޮތުގައި އެ މަޝްރޫޢުތައް ހިންގަން ކުންފުނިން ފެށިއިރު، އެ މަޝްރޫޢުތަކަށް ޚަރަދުވާނެ ފައިސާގެ އަންދާޒާ ހަދާފައި ނެތްކަމަށެވެ. އަދި ކުންފުނިން މަސައްކަތްކުރަން ފަށާފައިވަނީ އެ މަޝްރޫޢުތަކުގެ ބީއޯކިއުވެސް ނުހަދައިކަން މުއާޒު ފާހަގަކުރެއްވިއެވެ.