ޤައުމީ ފުޓުބޯޅަ އެސޯސިއޭޝަން ފުޓްބޯލް އެސޯސިއޭޝަލް އޮފް މޯލްޑީވްސްގެ ރައީސްގެ މަޤާމަށް ވާދަކުރެއްވުމަށް މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ފޯމު ހުށަހަޅުއްވައިފިއެވެ.
މިއަދު މެންދުރުފަހު 14:00ޖަހާއިރަށް ފުޓުބޯޅަ އެސޯސިއޭޝަންގެ ރަރީސްކަމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާއިރު، އެ މަގާމަށް ވާދަކުރަން ނިންމާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ފޯމު ހުށަހަޅާފައިވަނީ މިއަދުއެވެ. ޓޮމް ގެ ފޯމާއި ހަވާލުވެފައިވަނީ، އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޖައުޝަން ޝަރީފްއެވެ.
އެފްއޭއެމްގެ ރައީސް ގެ މަގާމުގައި ހުންނެވި ބައްސާމް އަދީލު ޖަލީލުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުމުގެ ސަބަބުން، އެފްއޭއެމްގެ އިންތިހާބު އަވަސްކުރަން އެ އިދާރާއިން ނިންމާފައިވެއެވެ. އަދި، އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ޝައުގުވެރިވާކަން ޓޮމް މީގެ ކުރިން ހާމަކުރައްވައި ކެމްޕެއިން ފައްޓަވާފައިވެއެވެ.
އެފްއޭއެމްގެ އިންތިހާބާއި ގުޅޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، އެފްއޭއެމްގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވޭނީ މަދުވެގެން 3 ކްލަބުގެ ތާއީދާއިއެކުއެވެ. އެ މަގާމަށް ޓޮމް ކުރިމަތިލައްވާފައިވަނީ ރާއްޖޭގެ އެންމެ ބޮޑެތި ޓީމުތަކުގެ ތެރޭގައި ހިމެނޭ މާޒިޔާ ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް ކްލަބާއި އަދި ވެލެންސިއާ ސްޕޯޓްސް ކްލަބުގެ ފުރިހަމަ ތާއީދާއި އެކުއެވެ.
ޓޮމްއަކީ މީގެ ކުރިންވެސް އެފްއޭއެމްގެ ރައީސް ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ޓޮމް ހޮވިވަޑައިގަތީ، ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނުކަމަށް ގިނަ ބަޔަކު ދެކޭ ޢަލީ އަޝްފާޤު (ދަނގަޑޭ)ފަދަ އެތައް ކުޅުންތެރިންނެއްގެ ތާއީދާއިއެކު 2016ވަނަ އަހަރުގައެވެ.
2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސް ކަމުގެ މަގާމުގެ ދައުރު ޓޮމްއަށް ފުރިހަމަ ނުކުރެވުނު މައިގަނޑު ސަބަބަކީ، ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ބައްސާމް އޭރު ހުރި މަގާމުން ވަކިކުރަން އެންގުމުން އެފްއޭއެމްގެ އިސް ބޭފުޅުންތަކެއް އެއްފަހަރާ އިސްތިއުފާދީ ޓޮމް ގެ ބާރު ކަނޑުވާލުމުންނެވެ.