ދިވެހިރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގެނެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އުސޫލުތައް ރިވިއުކުރަން ފަށާފައިވާކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ.ޚަލީލް މިފަދައިން ވިދާޅުވީ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ފަރާތްތަކުން ވެސް ބޭނުންވަނީ ކޮލިޓީ ރަނގަޅު ބޭސް ގެންނަން ކަމަށާއި ނަމަވެސް ކަމާގުޅޭ އިދާރާއިން އުސޫލު ހަމަޖައްސާފައިވާ ގޮތުން އެކަން ކުރުމަށް ގޮންޖެހުންތަކަކާ ކުރިމަތިވާކަމަށެވެ.
އެހެންވެ ބޭސް ގެންނަ އުސޫލަށް ބަދަލުތަކެއް ގެނެސް ވަރަށް އަވަހަށް އެކަން އިއުލާންކުރާނެ ކަމަށް މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އުސޫލަށް އެ ގެންނަ ބަދަލާއެކު ޔޫރަޕްގެ ގައުމެއްގައި އުފައްދާ ބޭހަކަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ދީފައިވާނަމަ ރާއްޖެއަށް ވެސް އެ ބޭސް ގެނެވޭނެކަމަށެވެ.
ޑރ.ޚަލީލް ވިދާޅުވިގޮތުގައި ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ބޭހަށް ހުއްދައަށް ހުށަހަޅާއިރު އެ ބޭހުގެ ކޮންޓެންޓު ބަޔާންކުރުމެވެ. އަދި އެއީ ބޮޑެތި ކުންފުނިތަކުން ސިއްރު ކޮށްފައިވާ ކަމަކަށް ވާތީ ބޭސް އުފެއްދުމާ ގުޅޭ ތަފްސީލުތައް ހޯދުމަކީ ދަތި ކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެމްއެފްޑީއޭގެ ގަވައިދު އޮންނަ ގޮތުން ބޭހެއް ރާއްޖެ އެތެރެކުރާ ނަމަ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންޖެހެއެވެ. ނަމަވެސް ރާއްޖޭގެ އާބާދީ ކުޑަވުމާއެކު ކުޑަ މާކެޓަކަށް ވާނީ އެ ލިޔުންތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވަނީއެވެ.