އެއްބަސްވުމާއި ޚިލާފުވި މައްސަލައަކާއި ގުޅިގެން އިންވެސްޓަރަކަށް 57،000 ރ. ދައްކަން ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އާއި މ. ފިނިވާގެ 2 ނަމްބަރުބައި/ މާލެ އަލްހާން ފަހުމީ އާއި ސަހުބާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އޮންލައިން ކޮޕީ ޓްރޭޑްގައި ބައިވެރިވުމަށް ޖަންބުގެ/ ޅ. ހިންނަވަރު، މަރްޔަމް ޒާނާ މުހައްމަދު އިސްމާއީލް ދެއްކި 15،000 ރ. އާއި އިންވެސްޓްމަންޓްގެ ފައިދާގެ ގޮތުގައި ލިބެން ޖެހޭ 35،000ރ. އާއި ޝަރީއަތުގެ ޚަރަދު ކިންގްސް ކުންފުންޏާއި އަލްހާން އަދި ޝަހުބާންގެ ކިބައިން ހޯދުމަށް އެދިން ޒާނާގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
ޒާނާގެ ފަރާތުން ހޯދުމަށް އެދިފައިވަނީ އެފަރާތުން އިންވެސްޓްކުރި 15،000ރ. އާއި އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި ލިބެން ޖެހޭ 35،000ރ. އާ އެކު 50،000ރ. އެވެ.
ސިވިލް ކޯޓުން ބުނީ މި މައްސަލައާ ގުޅިގެން ދައުވާގެ ލިޔެކިޔުންތައް މި މަހުގެ 3 ވަނަ ދުވަހު ކޯޓުން ދައުވާ ލިބޭ ފަރާތްތަކަށް ރައްދުކޮށްދިން ނަމަވެސް ދައުވާއަށް ރައްދު ދިނުމަށް ދައުވާ ލިބޭ ފަރާތްތަކަށް ލިބިދީފައިވާ މައްދަތުގައި ދައުވާ ލިބޭ އެއްވެސް ފަރާތަކުން އެ ދައުވާއަށް ރައްދުދީފައި ނުވާކަމަށެވެ.
އެހެންވެ ދައުވާ ލިބޭ ފަރާތްތަކުގެ ޣައިރު ހާޒިރުގައި ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދިނުމަށް ދައުވާ ކުރާ ފަރާތުން އެދިފައިވާކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ.
ސިވިލް ކޯޓުން ބުނީ މި މައްސަލާގައި ދައުވާ ލިބޭ ފަރާތްތަކަށް ދައުވާގެ ލިޔެކިޔުންތައް ރައްދުވެ އެ ފަރާތްތަކުން ދައުވާއަށް ރައްދެއް ދީފައި ނުވާތީ ދައުވާ ކުރާ ފަރާތުން އެދުނު ފަދައިން އެ ފަރާތްތަކުން އެ ދައުވާގައި ހޯދުމަށް އެދުނު 50،000ރ. އަކީ ދައުވާ ލިބޭ ފަރާތްތަކުން ދައުވާ ކުރާ ފަރާތަށް ދައްކަން ޖެހޭ ފައިސާއެއްކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ.
އެހެންވެ މި ފައިސާއާއެކު ޝަރިއަތަށް ޚަރަދުވި 7500ރ. އާ އެކު ޖުމުލަ 57،500ރ. އަދި ދައުވާ ލިބޭ ފަރާތްތަކުންދައުވާ ކުރާ ފަރަތްތަކަށް ދައްކަން ޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި އެ ފައިސާ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އެފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.