ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ފަރަންސޭސި ފުލުހުން ފުލެޓެއްގެ ތެރެއަށް ވަންއިރު އެތަނުގައި މަރުވެފައިވާ އަންހެނަކާއި ތުއްތު ކުއްޖަކާއި އިތުރު ތިން ޑަކުދިން ފެނިފައިވާކަމަށް ފަރަންސޭސި ޕްރޮސެކިއުޓާ ވިދާޅުވެއްޖެއެވެ.
ޕްރޮސެކިއުޓަރުން ހަމާކުރި ގޮތުގައި މަންމައާއި އޭނާގެ ދޮށީ އުމުރުގެ ދެ އަންހެން ދަރިން މަރާފައިވަނީ އެތައް ފަހަރަކު ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އަދި އެއަށްވުރެ ހަގު ދެ ކުދިންނަށް ވަޅިން ހަމަލާދީފައިނުވާއިރު އެކުދިން މަރާފައިވަނީ ނޭވާ ހާސްކޮށްލައި ފެނަށް ގަންބައިގެންކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.
ޕެރިހުގައި ހުރި މި ފުލެޓުން ނުކުންނަނިކޮށް ސީސީޓީވީ ފުޓޭޖުތަކުން ފެނިފައިވާ ފިރިހެނެއް ފަރަންސޭސި ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އެމީހަކީ މަރާލާފައިވާ އަންހެންމީހާގެ ފިރިމީހާ އަދި މަރާލާފައިވާ ކުދިންގެ ބައްޕަކަމަށްވެސް ފަރަންސޭސި މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
އަދި މި މައްސަލާގައި ދެ ދައުވާއެއްގެ ތުހުމަތުގައި ފުލުހުން ރަސްމީކޮށް ތަހުގީގުތައް ފަށާފައިވެއެވެ. އެ ދެ ދައުވާއަކީ 15 އަހަރުން ދަށުގެ ކުޑަކުއްޖަކު ޤަތުލުކުރުމުގެ ކުށުގެ ދައުވާއާއި، ޙަޔާތުގެ ބައިވެރިޔާ ޤަތުލުކުރުމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ މުއްތަހަމުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ވާހަކަދައްކަވަމުން ޕަބްލިކް ޕްރޮސެކިއުޓާ ޖީން ބެޕްޓައިސް ބްލޭޑިއާ ވިދާޅުވީ ފުލުހުންނަށް ވަދެވުނީ އާދަޔާ ޚިލާފަށް ހުޝޫނަތްތެރި (ވައަލެންޓް) އަމަލުތަކެއް ހިންގާފައިވާ ސީނަކަށް ކަމަށެވެ. މުޅި އެޕާޓުމެންޓު ލެއިން ތަތްތެޅިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ސީނަށް ވަންތާ ކުޑަ ވަގުތުކޮޅެއް ފަހުން އޭނާވެސް އެތަނަށް ހާޒިރުވެވަޑައިގެންނެވި ކަމަށެވެ. އެ ފުލެޓުން ފެނުނީ އާދައިގެ އާއިލީ ދިރިއުޅުމެއް އަލާމާތްތައް ނަމަވެސް ޤަތުލުކޮށްލާފައިވާ އަންހެންމީހާއާއި އޭނާގެ އަންހެން ދަރިންނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ފާހަގަވިކަމަށް ބްލޭޑިއާ ވިދާޅުވިއެވެ.
މި ހާދިސާގައި ޤަތުލުކޮށްލި އަންހެންމީހާއާއި ކުދިންގެ ނަންތައް ހާމަކޮށްފައިނުވެއެވެ. ނަމަވެސް މަރާލި ކުދިންގެ އުމުރަކީ 10 އަހަރާއި، 7 އަހަރާއި 4 އަހަރާއި 9 މަސްކަން ޕްރޮސެކިއުޓާ ހާމަކުރެއްވިއެވެ.