Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަގު އެއްކުރި މަހުގެ އުފެއްދުންތަކާއި ގުޅޭގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފި

ރާއްޖޭގައި އުފެއްދިދާނެ، އަގު އެއްކުރި މަހުގެ ތަފާތު އުފެއްދުންތަކާއި ގުޅޭގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފިއެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ ވަނީ މިއަދު ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ޖަޕާނާއި ގުޅިގެން އަގު އެއްކުރި މަހުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ދާއިރާ ކުރިއެރުވުމަށް ދެގައުމު ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މަސްވެރިކަމުން ނަފާ އިތުރުކޮށް އެދާއިރާ ފުޅާކުރުމަށް ސަރުކާރުން ދަނީ އަގު އެއްކުރި މަހުގެ އުފެއްދުންތައް ރާއްޖޭގައި އުފައްދާ މިންވަރު އިތުރުކޮށް، އެކި ޤައުމުތަކަށް އެކްސްޕޯޓުކޮށްގެންވެސް ނަފާ އިތުރުވާނެ ގޮތްތައް ހޯދަމުންނެވެ.

މިއަހަރު މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވުނު ޖަލްސާގައިވެސް ރައިސް ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދިވެހި މަސްވެރިން ބާނާ މަސް އެހެން ޤައުމުތަކުގެ މަސް ކުންފުނިތަކުން ގަނެގެން، އަގު އެއްކުރި މަހުގެ އުފެއްދުންތައް ބާޒާރަށް ނެރެގެން ބޮޑު ފައިދާއެއް ނަގަމުންދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ ފައިދާ މަސްވެރިންނަށްވެސް ލިބޭނެ ގޮތަކަށް މި ނިޒާމު ބަދަލުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް، މި ދާއިރާއިން އިންވެސްޓް ކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދެވޭނެކަމަށެވެ. އަދި މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން އެހީތެރިކަން ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދެވިގެންދާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވެލިއު އެޑަޑް ޕްރޮޑަކްޓް ނުވަތަ އަގު އެއްކުރި މަހުގެ ބާވަތްތަކަކީ ދަޅުގައާއި ޕޯޗްގައި އެކި ގޮތްގޮތަށް ބަންދުކޮށްފައި ހުންނަ މަހުގެ އުފެއްދުންތަކެވެ. އޭގެތެރޭގައި ދަޅުމަހާއި ހިކިމަހާއި، މަހުގެ އެކި ބައިތަކުން އުފައްދާ ތަފާތު ބާވަތްތައް ހުރެއެވެ. ނަމަވެސް ރާއްޖެއިން އާއްމުގޮތެއްގައި މަސް ބޭރުކުރަނީ އަގު އެއްކުރި މަހުގެ އުފެއްދުންތަކުގެ ބަދަލުގައި ގަނޑުކުރި ރޯމަހުގެ ގޮތުގައެވެ.
މި ލިއުމާއި ގުޅޭ