އާބަންކޯގެ ހުއްދައެއްނެތި، ޒަރޫރީ އެއްވެސް ބޭނުމަކާއި ނުލައި ހުޅުމާލެ ފޭސް 3 ސަރަހައްދަށް ނުވަނުމަށް އެ ކޯޕަރޭޝަނުން މިއަދު އަންގައިފިއެވެ.
އާބަންކޯއިން މިއަދު ބުނީ ފޭސް 3 ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށްނުވި ނަމަވެސް މަދުން ނަމަވެސް އާންމުން މި ސަރަހައްދަށް ވަންނަކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން މި ސަރަހައްދަށް ނުވަނުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކޮށްފައިވާނެ ކަމަށެވެ.
އާބަންކޯއިން ބުނީ މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްގިނަވެ ހުޅުމާލޭގައި ވެސް އާދަޔާ ޚިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، ސިއްހީ ދާއިރާގެ ޚިދުމަތްތެރިން ދަނީ ތަކުރާރުކޮށް މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުން ކަަމަށެވެ.
އެހެންކަމުން ހުޅުމާލޭގެ ފޭސް 3 ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަތްވެފައި މި ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުއްދައެއްނެތި، ޒަރޫރީ އެއްވެސް ބޭނުމަކާއި ނުލައި މި ސަރަހައްދަށް ނުވަނުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.
މިފަދަ ކަންކަމުގައި އެ ކޯޕަރޭޝަނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް އާބަންކޯއިން ވަނީ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.