ޙަމާސްއިން އަސީރުކޮށްފައިވާ އިސްރާއީލު މީހުންގެ އާއިލާތަކުން އިސްރާއީލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބަރުލަމާނުގައި ތަޤުރީރުކުރަނިކޮށް އަޑުއުފުލައިފިއެވެ.
ނަތަންޔާހޫގެ ތަޤުރީރުގައި ބުނެފައިވަނީ ޙަމާސްގެ އަތްދަށުވެފައިވާ އަސީރުން އަނބުރާ އާއިލާތަކާ ހަމައަށް ގެނައުމަށް ވައުދުވާ ކަމަށެވެ. އަދި އެކަމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައިވެސް އޭނާ ބުންޏެވެ.
ޙަމާސްގެ އަތްދަށުވެފައި ތިބި އަސީރުން ސަލާމަތްކުރުމަށްޓަކައި އަސްކަރީ ފިއްތުންތައް އިތުރުކުރަންޖެހޭކަމަށްވެސް ނަތަންޔާހޫ ބުންޏެވެ. ނަތަންޔާހޫގެ ވާހަކަތަކުގެ މެދުތެރެއިން އަސީރުންގެ އާއިލާތަކުން އައީ "މިހާރު، މިހާރު" ގޮވައި އަޑުގަދަކުރަމުންނެވެ.
"އަސްކަރީ ފިއްތުން އިތުރުނުކޮށް އަސީރުން މިނިވަންކުރުމަކީ ކުރެވޭނެ ކަމެއް ނޫން،" ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ އިތުރަށް ބުނެފައިވަނީ މައިދާނުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނާ މަޝްވަރާކުރި ކަމަށާއި، އެމީހުންގެ އަސްކަރީ އޮޕަރޭޝަނުގެ އަމާޒުތައް ހާސިލުކުރުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައި ކޮމާންޑަރުން ބުނެފައިވާކަމަށެވެ.
"ނަސްރު ލިބެންދެން މަޑުޖެހިލުމެއް ނެތް،" އިހުތިޖާޖުކުރަމުންދިޔަ މީހުންގެ އަޑުތަކަށްވުރެ ބާރަށް ވާހަކަދައްކަމުން ނަތަންޔާހޫ ބުންޏެވެ.
އިސްރާއީލުން ބުނެފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހުގައި ޙަމާސްއިން ދިން ހަމަލާގައި ރަހީނުކުރި މީހުންގެ ތެރެއިން 129 މީހަކު އަސީރުންގެ ގޮތުގައި އަދިވެސް ތިބީ ޣައްޒާގެ އެތެރޭގައި ކަމަށެވެ.
"އަޅުގަނޑުމެން، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން އަސީރުން އަނބުރާ ގެއަށް ގެނައުމަށް ނުކުރާ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެން،" ހޯމަދުވަހުގައި ޣައްޒާއަށް ޒިޔާރަތްކުރުމަށްފަހު އައިސް ދިން ތަޤުރީރުގައި ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ އިތުރަށް ބުނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަކުރާނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމައަކީ ދިގުދެމިގެންދާނެ ހަނގުރާމައެއް ކަމަށާއި، އެ ހަނގުރާމަ ނިމުމާ ގާތަށްވެސް އަދި ވާސިލުނުވާކަމަށް އޭނާ ބުންޏެވެ.