މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ހިންގުމަށް ނަގަމުން އަންނަ އިދާރީ ފީ, އަންނަ ޖެނުއަރީއިން ފެށިގެން ކުޑަކުރަން ނިންމާފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
ޕެންޝަން އޮފީހުން ބުނީ ޕެންޝަން ސްކީމް ހިންގުމަށް ބޭނުންވާ އިދާރީ ފީ އަންނަ ޖެނުއަރީއިން ފެށިގެން ކުޑަކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައި މިއަދު ގެޒެޓުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ޕްރީ ރިޓަޔަރމަންޓް ފަންޑުންނާއި, ޕޯސްޓް ރިޓަޔަރމަންޓް ފަންޑުން, އިދާރީ ފީ ގޮތުގައި ނަގަނީ 0.6 އިން ސައްތައެވެ. އަލަށް ގެނައި ބަދަލާ އެކު, ދެ ފަންޑުން އިދާރީ ފީ ގެ ގޮތުގައި ނަގާނީ ދެ މިންވަރެކެވެ. އަދި ޕްރީ ރިޓަޔަރމަންޓް ފަންޑުތަކުން ޖަނަވަރީ 1 އިން ފެށިގެން ނަގާނީ އަހަރަކު 0.5 އިން ސައްތަ އެވެ. އަދި ޕޯސްޓް ރިޓަޔަރމަންޓް ފަންޑުތަކުން ޖަނަވަރީ 1 އިން ފެށިގެން އަހަރަކަށް ނަގާނީ 0.3 އިން ސައްތަ އެވެ.
ޕްރީ ރިޓަޔާމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަނުވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ އިންވެސްޓްމަންޓްތަކުން ނެރެވޭ ނަފާ އިތުރުކޮށް ފައިސާގެ އަގު ހިފެހެއްޓުމަށެވެ. އަދި ޕޯސްޓް ރިޓަޔާމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ ކޮންޒަވެޓިވްކޮށް އިންވެސްޓްކޮށްގެން ފައިސާގެ އަގު ހިފެހެއްޓުމަށެވެ.
މިއީ އެމްއާރުޕީއެސްގެ ހިސާބު ބެލެހެއްޓުމުގެ ހަރަދާއި, އިންވެސްޓްކުރުމުގެ ކަންކަމަށްދާ ހަރަދާއި، މާލީ ގޮތުން ކުރެވޭ މުއާމަލާތްތަކާ ގުޅިގެން ހިނގާ ހަރަދާއި، ކަސްޓޯޑިއަންގެ ހަރަދު އަދި އޯޑިޓްކުރުމަށް ހިނގާ ހަރަދުތައް ހަމަޖެއްސުމަށް ނަގާ ފީއެކެވެ.
ޕެންޝަން އޮފީހުން ބުނާގޮތުން ޕެންޝަން ގާނޫނު ވުޖޫދުވި ފަހުން މި އަދަދު ހަތަރު ފަހަރަށް ކުޑަކުރެވުނެވެ. އެގޮތުން 2015، 2017 އަދި 2018 ގައިވެސް އިދާރީ ފީ ކުޑަކުރެވުނު ކަމަށް އެ އޮފީހުން ބުނެއެވެ.
ރިޓަޔާކުރުމުގެ ކުރިން އެ ފައިސާ ބޭނުންކުރެވޭނެ އޮންނަނީ މިވަގުތު ދެ ހާލަތެކެވެ. އެއީ ހައުސިން ޑައުންޕޭމަންޓް ދެއްކުމަށާއި ހައްޖު އަދާ ކުރުމަށަށެވެ. ނަމަވެސް އެ ދެ ހާލަތުގައި ވެސް އެ ފައިސާ ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން, ވަކި ޝަރުތުތަކާއެކުއެވެ.