މިދިޔަ ނޮވެންބަރު މަހު ގެވެށި އަނިޔާއާއި ގުޅޭ 221 މައްސަލަ ބަލާފައިވާކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ސީއެފްޕީއެސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާފައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގައި އެކަނިވެސް ގެވެށި އަނިޔާގެ 221 މައްސަލަ ސީއެފްޕީއެސް އިން ބަލާފައިވެއެވެ.
ސީއެފްޕީއެސް އިން އެކްސްއަށް ކުރި ޕޯސްޓުން ދައްކާގޮތުން، ނޮވެމްބަރުމަހުގައި ކުޑަކުދިންނަށް އަނިޔާކުރުމުގެ 131 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެއެވެ. އަދި، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 29 މައްސަލައެއް ސީއެފްޕީއެސް އަށް މިދިޔަ ނޮވެމްބަރުމަހު ހުށަހަޅާފައިވާއިރު ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުމުގެ 28 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެއެވެ. އެގޮތުން، ނޮވެމްބަރު މަހު އަނިޔާ ލިބިފައިވަނީ، 72 އަންހެން ކުދިންނަށާއި 59 ފިރިހެން ކުދިންނަށެވެ.
ގެވެށި އަނިޔާގެ ވާހަކައަކީ މީގެ މާކުރިންވެސް ދިވެހިން ދައްކަމުން އަންނަ ވާހަކައެކެވެ. އެކަމަށް ހައްލެއް ގެނައުމަށް ގޮވާލާ އެތައް ފަހަރެއްގެ މަތިން އިހުތިޖާޖުކޮށްފައިވާ ކަމެކެވެ. ހިތާމައަކީ، އަދި ރާއްޖޭގައި އެފަދަ އަމަލުތައް ކުރާ މީހުން ގިނަ ކަމެވެ.