ހުޅުމާލޭގައި ދުއްވާފައިދިޔަ ކާރެއް ހުއްޓުވައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު ބިދޭސީއަކާއި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެކާރު ހޯދުމަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ރީތިގަސްމަގުން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު 53 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާ ތިންދުވަހަށް ބަންދުކުރުމަށް އަދި ބިދޭސީ މީހާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.