އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތްކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން އެ މަސައްކަތުގެ ޕްރޮޖެކްޓު މެނޭޖަރަކަށް ޝަރުތު ހަމަނުވާ މީހާކު ލައިފައި ހުރުމުން، އެ މަޝްރޫއުގެ ކަންކަން ބޮއްސުން ލައިފައިވާކަން އެނގިއްޖެ އެވެ.
އައްޑޫ މަގުހެދުމުގެ މަޝްރޫޢަކީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުން 77 މިލިއަން އެމެރިކާ ޑޮލަރު ދަރަންޏަށް ނަގައިގެން ހިންގާ މަޝްރޫޢެކެވެ.
މަޝްރޫއު ހަވާލުކުރިތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މަގު ހެދުމުގެ މަސައްކަތް ލަސްކަމާއި، އިތުރު އެހެން މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެ އެވެ.
އެ މަޝްރޫއުގެ އެފްކޮންސްގެ ޕްރޮޖެކްޓު މެނޭޖަރަކަށް ކުރިން ހުރި ފަރާތުގެ ބަދަލުގައި އެހެން މީހަކު ހަމަޖައްސަން އެފްކޮންސް އިން އެ މަޝްރޫއުގެ ކޮންސަލްޓަންޓް، އެލް އެންޑް ޓީ އިންފްރާ އިންޖިނޭރިންނަށް އެންގި އެވެ.
އެކަމަކު، އެ މަގާމަށް ހަމަޖެއްސުމަށް އެފްކޮންސް އިން ފޮނުވި، ވެމުރި ރާޖަގޮޕާލާ ކްރިޝްނާ ޕްރޮޖެކްޓު މެނޭޖަރުގެ މަގާމުގެ ޝަރުތުތައް ފުރިހަމަ ނުވާކަމަށް ބުނެ، އެލް އެންޑް ޓީ އިން އޭނާ ރިޖެކްޓުކުރި އެވެ. އަދި އެ މަގާމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް އެންގި އެވެ.
ނަމަވެސް އެގޮތަށް އަންގާފައި އޮއްވައި އެފްކޮންސް އިން ފަހުން ވަނީ ފައިސާ ދީގެން އޭނާގެ އެޕްރޫވަލްގެ ކަންކަން ހަމަޖައްސާފަ އެވެ. އަދި ޝަރުތު ހަމަނުވި ނަމަވެސް އޭނާ އެ މަގާމަށް ހަމަޖެއްސި އެވެ. އެކަން ކޮށްފައިވަނީ ކުރީ ސަރުކާރުގަ އެވެ.
އެރަށުން "ދިޔަރެސް" އަށް މައުލޫމާތު ދިން އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި މަގާމުގެ ޝަރުތު ހަމަނުވާ މީހާކު ޕްރޮޖެކްޓު މެނޭޖަރަކަށް ހުރުމުން އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ކަންކަން އޮތީ ބޮއްސުން ލައިފަ އެވެ.
އެގޮތުން މަގުތަކުގެ ފެންވަރު ދަށް ކަމާއި، ތާރު އަޅާފައިވާ މަގުތަކުގެ ފެން ހިންދާ ޑަކްޓްތައް ވެސް ހަދާފައި ހުރީ އެކި އުސްމިނުގައި ކަމަށް އޭނާ ބުންޏެވެ. އޭގެ ސަބަބުން ޕޭވްމަންޓް ކައިރީގައި އޮންނަ ކާރުގެ ދޮރުތައް ނުހުޅުވެ އެވެ.
އެގޮތަށް އެ މަޝްރޫއުގައި ގޯސްކޮށް ހުރި އެތައް ކަމަކަށް ކޮންސަލްޓަންޓްގެ އެޕްރޫވަލް އެފްކޮންސް އިން ހޯދީ ފައިސާ ދީގެން ކަމަށް މައުލޫމާތުލިބެ އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ އެންމެ މުހިންމު އެއް މަސައްކަތަކީ، ހަންކެޑެ ބޭރުން ހެދުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތެވެ. އެކަމަކު ބްރިޖަށް ވެސް ބޭނުންކޮށްފައިވަނީ ދަބަރު ޖަހާފައިވާ ސާމާނު ކަމަށާއި އެތަކެތީގައި އެޕޮކްސީ ކޯޓުވެސް ލައިފައި ނުވާތީ ކޮލިޓީއާމެދު އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.
އެރަށުން މައުލޫމާތު ދިން މީހާ ބުނި ގޮތުގައި މަގު ހެދުމުގެ މަޝްރޫއުގެ ޕްރޮޖެކްޓު މެނޭޖަރަކަށް މިހާރު ހުރި މީހާގެ އެންގުމަށް، އެ މަޝްރޫއުގައި މަސައްކަތްކުރާ އިންޑިއާ މަސައްކަތްތެރިން ކެއުމަށް ކާބޯތަކެތީގެ ހުރިހާ ބާވަތެއް ވެސް މިހާރު އިމްޕޯޓު ކުރަނީ އިންޑިއާއިންނެވެ. އަދި އައްޑޫގެ އެއްވެސް ލޯކަލް ފިހާރައަކުން ތަކެތި ނުގަންނަ ކަމަށް އޭނާ ބުންޏެވެ.
އަދި ކުރިން އެފްކޮންސް އަށް މުދާ ސަޕްލައިކޮށްދީފައި ހުރި ވިޔަފާރިތަކަށް ވެސް ފައިސާ ނުދީ ޑިލޭ ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. އަދި މަޝްރޫއުގެ މެޓީރިއަލް ހޭންޑްލިން މަސައްކަތް ވެސް ހަވާލުކުރަނީ ޕްރޮޖެކްޓު މެނޭޖަރަށް ކޮމިޝަންދޭ ކުންފުނިތަކަށް އެކަނި ކަމަށް އޭނާ ބުންޏެވެ.
އައްޑޫގެ މަގުތައް ކޮނެ ނުހެދި ދިގުލައިގެން ދިއުމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް އަންނަނީ ބޮޑެތި އުދަގުލާއި ތަކުލީފުތައް ކުރިމަތިވަމުންނެވެ. މީގެ ކުރިން ވެސް ބަރާބަރަށް މުސާރަ ނުދިނުމާއި، ކެއުމުގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ކުރިމަތިވެ، އެފްކޯންސްގެ މުވައްޒަފުން މަގު ހެދުމުގެ މަސައްކަތް ހުއްޓައިލާ އިހުތިޖާޖުކޮށް ހަޅުތާލުކޮށްފައިވެއެވެ.