ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޫކުރާ ބިންތަކާ ގުޅޭ ކަންކަމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލު އޮންނާނެ ކަަމަށް އާބަންކޯއިން ބުނެފި އެވެ.
މިހާތަނަށް ރާއްޖޭގައި ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު "ރަސްމާލެ" ތަރައްގީކުރަނީ 1153 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެ ބިން ހިއްކާ ސީއެމްސީއަށް 70 ހެކްޓަރުގެ ބިން ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެއީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިން، އަދި ރަސްމާލެ ހިއްކުމުން އެތަނުން 60 ހެކްޓަރުގެ ބިމެވެ. ރަސްމާލެއިން ބާކީ 1093 ހެކްޓަރުގެ ބިން ބޯހިޔާވަހިކަމަށް ލިބޭނެ އެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގުރާމުގައި އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާބަންކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު އަހުމަދު ޝާމް ވިދާޅުވީ އެއްބަސްވުމުގައި ވާގޮތުން ސީއެމްސީއަށް ދޫކުރާ ބިންތަކުގެ މާސްޓާ ޕްލޭނެއް ފުރަތަމަ އެކުލަވާލައި ހުއްދަ ހޯދަންޖެހޭ ކަމަށެވެ.
އެ މާސްޓާ ޕްލޭނުގައި، ސީއެމްސިއަށް ލިބޭ ބިމުގެ ކޮންމެ ލޮޓެއް ބޭނުންކުރެވޭނީ ކޮން ކަމަކަށް ކަމާއި ކޮންކަހަލަ ބެނުންތަކަކަށް ކަން ބަޔާންކޮށްފައި އޮންނާނެ އެވެ.
"މި ކަނޑައެޅޭ ސަރަހައްދުތަކުގައިވެސް ވިއްކުމުގެ މަރުހަލާ ނުވަތަ ޑިވެލޮޕްމަންޓް މޮޑެލް ނުވަތަ އެހެން މޮޑެލްއެއްގައި ވެސް ހުރިހާ މަސައްކަތެއް ކުރާނީ އާބަންކޯއިން. އެ ހިސާބުން ވެސް އަޅުގަނޑުމެންނަށް ކޮންޓްރޯލް އެބައޮތް،" ޝާމް ވިދާޅުވި އެވެ.
"ރަސްމާލެ" ތަރައްޤީކުރުމަށް ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އޭނާ ވިދާޅުވި ގޮތުގައި އެއަށްފަހު، ބިން ވިއްކާލުމުން ނުވަތަ ބިން ކުއްޔަށް ދިނުމުން ވެސް ލިބޭ ހުތިހާ އާމްދަނީއެއް ވެސް ބަހައްޓަން ޖެހޭނީ އާބަންކޯ އާއި ސީއެމްސީ ގުޅިގެން އުފައްދާފައިވާ އެކްސްރޯ އެކައުންޓެއްގަ އެވެ.
"އެ އެކްސްރޯ އެކައުންޓަށް މި ފައިސާ ވަނީމާ މި ވާ ގޮތަކީ އެ ބޭފުޅުން މަސައްކަތް ކުރަމުންދާ ނިސްބަތަކުން އެ ބޭފުޅުންނަށް އެ އެކްސްރޯ އެކައުންޓުން ވެސް ފައިސާ ލިބިގެންދަނީ. އެހެންވީމާ މިސާލަކަށް އިތުރަށް ވިއްކިފައި އޮވެފައި، އިތުރަށް އާމްދަނީއެއް ލިބިފައި އޮތް ކަމަކު އެ ބޭފުޅުންނަށް އެ އާމްދަނީއަކާ އަދި އަތެއް ނުލެވޭނެއޭ އެ ބޭފުޅުންގެ މަސައްކަތް ވެސް އެ ބޭފުޅުން ފުރިހަމަ ނުކުރަންޏަކާ" އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އެފަދަ ކޮންޓްރޯލުތަކެއް ވެސް ލެވިފަ މި އޮންނަނީ. ދެން އޭގެ އިތުރަށް ހަމަ އެއްބަސްވުމުގަ ހާއްސަކޮށް އެބަ އޮވޭ ދައުލަތުން ނޫނިއްޔާމު އެޗްޑީސީން ބޭނުންވެއްޖެ ހާލަތެއްގައި އެ ބިން ސީއެމްސީއަށް ނުނެގޭނެ ގޮތްތަކެއް ވެސް."
އެގޮތުން ސީއެމްސީއަށް ދޫކުރާ ބިންތައް، ދިވެހި ދައުލަތުން ބޭނުންވެއްޖެ ހިނދެއްގައި އަނބުރާ ނެގޭނެ ގޮތަށް ވެސް އެއްބަސްވުމުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުށިދިއްގަރުފަޅު ތަރައްގީކުރާ ގޮތުގެ ކުރެހުމެއް---
"އެގޮތަށް އެ ކޮންޓްރޯލުތައް އޮވެ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށުން އެ ވިއްކުމާއި އެ އަށް ލިބޭ އާމްދަނީ ވެސް މިދަނީ،" ޝާމް ވިދާޅުވި އެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއަށް ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދޫކުރާތީ އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން އާބަންކޯގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ، ކުރީ ސަރުކާރުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ވެސް ހިއްކާފައި އެވަނީ އެކަން ކުރި ކުންފުންޏަށް ބިން ދީގެން ކަމަށެވެ.
އެގޮތުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 96 ހެކްޓަރުގެ ބިން ހެކްޓަރު ހިއްކަން އޮތް އިރު، 20 ހެކްޓަރު ބިން އެކަން ކުރި ކުންފުންޏަށް ދޭންޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރު އަދި ތިލަފުށިން 10 ހެކްޓަރުގެ ބިން ހިމެނޭ ގޮތަށެވެ.