Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާބަންކޯ

ނަރުދަމާ އާއި ފެންހޮޅި މަތިންވެސް ގޯތި ދީފައި އެބަހުރި، އެއްވެސް ގޯއްޗެއް އަތެއްނުލާނަން: އާބަންކޯ

ކުރީސަރުކާރުން ދީފައިހުރި ގޯތިތަކުގެ ތެރެއިން އެއްވެސް ގޯއްޗެއް އަތުނުލާނެ ކަމަށާއި، ނަރުދަމާ އާއި ފެންހޮޅިތަކުގެ މަތިންވެސް ބައެއް ފަރާތަކަށް ގޯތި ދީފައި ހުރި ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ބުނީ މާލޭ މީހުންނަށް ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭން ގޯތި ދޫކުރިއިރު ބައެއް ގޯތިތަކަކީ ފެނާއި ނަރުދަމާ އަދި ކަރަންޓު ނެޓްވޯކަށް އަރާ ދިމަދިމާލުން ދޫކޮށްފައި ހުރި ތަންތަން ކަމަށާއި އެހެންވެ އެ ބިންތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ހުޅުމާލެއިން ބިން ލިބުނު މީހުންނަށް އެހެން ތަނަކުން ބިން ދިނުމުގެ ވިސްނުމެއް ނެތް ކަމުގެ ޔަގީންކަން އެ ކުންފުނިން މިއަދު ވެސް ދިނެވެ.
ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރަން ފަށާފައިވާ 'ރަސް މާލެ' މަޝްރޫއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ހުޅުމާލޭ ފަޅުގެ ހިއްކާ ސަރަހައްދުން ގޯތި ލިބޭ މީހުން އެހެން ތަނަކަށް ބަދަލު ކުރުމުގެ އެއްވެސް ވިސްނުމެއް އާބަންކޯގެ ނެތްކަން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ ތަކުރާރު ކުރައްވާފައެވެ.
އަޅުގަނޑުމެން ނޫޅެން، އެ ބޭފުޅުންނަށް ލިބިފައި ހުރި ތަނަކުން އެހެން ތަނަކަށް ރައްޔިތުން ބަދަލުކުރާކަށް. އެހެނެއް ނޫން، އެ މީހުންގެ ރިކުއެސްޓަކަށް އެކަން ނުވާނެއެކޭ ނޫން. އެކަމަކު އަޅުގަނޑުމެންގެ ވިސްނުމެއް ނެތޭ [އެ ބަޔަކަށް ލިބިފައި ހުރި] ލޮކޭޝަނަކުން އެހެން ދިމާލަކަށް ބަދަލު ކުރުމަށް،" ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ ކުރީގެ ސަރުކާރުން ހުޅުމާލެއިން (ދެ ވަނަ ފިޔަވަހިން) ގޯތި ދޫކުރިއިރު ބައެއް ގޯތިތަކަކީ ހުޅުމާލޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ނެޓްވޯކަށް އަރާ ދިމަދިމާލުން ދޫކޮށްފައި ހުރި ގޯތިތަކެއް ކަމަށެވެ. އަދި އެފަދަ ގޯތިތަކުގެ އިންފާރު ރޭނުމުގެ ފުރުސަތު ދޭން ދަތިވާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 180 ވަރަކަށް ބިން އެބަހުރި، އޭރު ދިންއިރުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ނެޓްވޯކަށް އަރާ ގެތަކެއް އެބަހުރި. މި އަރާ ގެތަކުގައި، އިންފާރު ރާނަން ދިނުމުގެ ފުރުސަތު ތަންކޮޅެއް ދަތިވޭ އެބަ އެކަންކަން ހައްލު ނުކޮށް،" އޭނާ ވިދާޅުވި އެވެ.

"މި ކަހަލަ މައްސަލަތަކެއް އެބަހުރި. މި ކަންކަން ހައްލު ކުރުމަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން." އެފަދަ މައްސަލަތަކެއް ހުރި 180 ވަރަކަށް ބިން ފިޔަވައި އެހެން ބިންތަކުގައި އިންފާރު ރޭނުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

ހުޅުމާލެއިން ގޯތި ދޫކުރާ ގޮތް
ކުރީ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމުން ގޯތި ލިބުނު މީހުންގެ ތެރެއިން ހުޅުމާލެއިން ގޯތި ދޫކުރަން އޭރު ނިންމާފައިވަނީ ޖުމްލަ 1351 ގޯއްޗެވެ. އެއީ:
  • 8 މީހުންނަށް ވުރެ ގިނަ މީހުންގެ އެޕްލިކޭޝަންތަކަށް 20 ގޯތި
  • 7 މީހުންގެ އެޕްލިކޭޝަންތަކަށް 31 ގޯތި
  • 6 މީހުންގެ އެޕްލިކޭޝަންތަކަށް 60 ގޯތި
  • 5 މީހުންގެ އެޕްލިކޭޝަންތަކަށް 100 ގޯތި
  • 4 މީހުންގެ އެޕްލިކޭޝަންތަކަށް 180 ގޯތި
  • 3 މީހުންގެ އެޕްލިކޭޝަންތަކަށް 370 ގޯތި
  • 2 މީހުންގެ އެޕްލިކޭޝަންތަކަށް 340 ގޯތި
  • އެކަކުގެ އެޕްލިކޭޝަންތަކަށް 250 ގޯތި
މި ލިއުމާއި ގުޅޭ