Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުށިދިއްގަރު ފަޅު

ރަސްމާލެ މަޝްރޫޢަށް ބިން ހިއްކުމުގެ އަގު، ރައްޔިތުންނަށް ފައިދާތަ ނުވަތަ ގެއްލުންތަ؟

ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ހިންގަވާ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ ޚަރަދުތައް ހަމަޖައްސަން ސަރުކާރުން ރާވާފައިވާ ގޮތް ހާމަކޮށްފިއެވެ.

މި މަޝްރޫޢު ހިންގުމަށް ސަރުކާރުން ނިންމާފައިވަނީ "ކްރޮސް ސަބްސިޑީ" އުސޫލުންނެވެ. އެއީ ބިން ހިއްކާ ފަރާތްތަކަށް ބިން ހިއްކުމުގެ އަގުގެ ބަދަލުގައި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ފުށިދިއްގަރު ފަޅު ހިއްކައި ނިމުމުން ދޭން ނިންމާފައިވާ 60 ހެކްޓަރުގެ ބިމެވެ. ޖުމްލަ 70 ހެކްޓަރު ބިމެވެ.

މި ބިންތަކުގެ ތެރެއިން މަޝްރޫޢު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދޭ ބިމަކީ ހުޅުމާލެއިން ދޭ 10 ހެކްޓަރުގެ ބިމެވެ. އެ ބިންތައް ހުޅުމާލޭގެ މާސްޓާ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން އަގެއްގައި ވިއްކުމުގެ އިޚުތިޔާރު ފުށިދިއްގަރުފަޅު ހިއްކާ ކުންފުނި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް އޮންނާނެއެވެ.

ބިން ވިއްކައިގެން ލިބޭ ފައިސާ ދޭ ގޮތް

ސީއެމްސީސީއަށް ދޭ ބިންތަކުގެ ތެރެއިން މަޝްރޫޢު ހިންގުމަށް ހިނގާ ޚަރަދު ހޯދަން ވިއްކަން އެ ކުންފުންޏަށް ލިބޭނީ ހުޅުމާލެއިން ލިބޭ 10 ހެކްޓަރުގެ ބިމެވެ. ދިހަ ހެކްޓަރުގެ ބިމަކީ 1،076،391.042 (އެއްމިލިއަން ހަތްދިހަ ހަހާސް ތިންސަތޭކަ ނުވަދިހަ އެއް) އަކަފޫޓުގެ ބިމެވެ.

މި ބިންތައް ވިއްކައިގެން ލިބޭ ފައިސާ ގަނޑުކޮށް ސީއެމްސީސީއަށް ނުލިބޭނެއެވެ. އާބަންކޯގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދު ވިދާޅުވީ، އެ ފައިސާ ޖަމާކުރާނީ އާބަންކޯގެ އެކްސްކްރޯގެ އެކައުންޓަކަށް ކަމަށެވެ. އަދި އެ ފައިސާ ސީއެމްސީސީއަށް ދޫކުރަމުންދާނީ "ޕްރޮގްރެސިވް ޕޭމެންޓުތަކެއް"ގެ ގޮތުގައިކަމަށް ފަޒުލް ވިދާޅުވިއެވެ.

ޕްރޮގްރެސިވް ޕޭމެންޓަކީ މަސައްކަތް ކުރަމުންދާ މިންވަރަކުން އެ ނިމޭ މިންވަރަށް ފައިސާ ދޫކުރުމެވެ. އެހެންކަމުން ސީއެމްސީސީއަށް އެ ކުންފުންޏަށް ދޭ 10 ހެކްޓަރުގެ ބިން ވިއްކައިގެން ލިބޭ ފައިސާ އެގޮތަށް ދޫކުރަމުންދާނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު ނިމެމުންދާ މިންވަރަކަށް ބަލައި އެނިމޭ މިންވަރާ އެކަށޭނެ ޕޭމަންޓުތަކެއްގެ ގޮތުގައެވެ.

ބިމުގެ އަގުގެ މައްސަލަ

ހުޅުމާލެއިން ދޫކޮށްލާ 10 ހެކްޓަރުގެ ބިމުގެ އަގާއި، ފުށިދިއްގަރުފަޅު ހިއްކުމަށްފަހު ރަސްމާލޭގެ ބިމުން ދޫކުރާ 60 ހެކްޓަރުގެ ބިމުގެ އަގުގެ މައްސަލައެވެ. ބިމުގެ އަގު ކަނޑައަޅާނީ ބާޒާރުން ބިމަށް ލިބޭ އަގަށް ބަލައިގެންނެވެ. ހުޅުމާލޭގެ ބިމުގެ އެންމެ ދަށް އަގަކީ އާބަންކޯއިން ވަޒަންކޮށް ކަނޑައަޅާފައިވާ އަގެކެވެ.

އެގޮތުން އެންމެ ފަހުން ހުޅުމާލެއިން ބިން ވިއްކުމަށް އާބަންކޯއިން ކުރި އިއުލާނުގައި ހުޅުމާލޭގެ ބިންތަކުގެ އެންމެ ދަށް އަގުކަމަށް ކަނޑައަޅާފައިވާ އަގަށް ބަލާއިރު އެވެރެޖުކޮށް ހުޅުމާލޭގެ ބިމުގެ އެންމެ ކުޑަ އަގަަކީ އަކަފޫޓަކަށް 2،983 ރުފިޔާއެވެ.

އެ އަގަށް ބަލާއިރު އެ 10 ހެކްޓަރުގެ ބިމުގެ އަގަކީ 3.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް އެއީ ތަފާތު ތިން ބާވަތެއްގެ ބިމުގެ އަގު ހިމެނޭ ލިސްޓެއްކަމަށްވުމުން މިއީ ސީދާ ސާފު އަގުކަމުގައި ނުވުން އެކަށީގެންވެއެވެ.

ފުށިދިއްގަރުފަޅުން ހިއްކާ ބިމުގެ ތެރެއިން އާބަންކޯގެ އެސެޓަށް އިތުރުވާނެ ބިމުގެ ބޮޑުމިންކަމަށް ފަޒުލް ވިދާޅުވީ 1،093 ހެކްޓަރުގެ ބިމެވެ. އެހެންކަމުން އާބަންކޯއިން ސީއެމްސީސީއަށް ދޫކޮށްލާ ބިމަށް ޖެހޭ އަގު ރަސްމާލޭގެ ބިމުން އާބަންކޯއަށް ލިބޭ ބިމުގެ ބޮޑުމިނަށް ބަހައިލުމުން ހެކްޓަރަކަށް ޖެހޭނީ ޖުމްލަ 2.9 މިލިއަން ރުފިޔާއެވެ. އެއީ އަކަފޫޓަކަށް 27.2 ރުފިޔާއެވެ.

އަދި ހުޅުމާލޭގެ ބިމުގެ އަގަކީ އެވެރެޖުކޮށް އަކަފޫޓަކަށް 5،500 ރުފިޔާކަމަށް ބަލައިގެން ހިސާބު ހެދި ނަމަވެސް ފުށިދިއްގަރު ފަޅު ހިއްކުމަށް ހޭދަވާނެ ފައިސާގެ ޖުމްލަ އަދަދަކަށްވާނީ އަކަފޫޓަކަށް 46.7 ރުފިޔާއެވެ.

އަގުގެ އަޅާކިޔުމެއް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މާލެ ސަރަހައްދުގައި ހިންގަވަން ފެއްޓެވި މަޝްރޫޢުތަކުގެ ތެރެއިން ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިއްކަން ނިންމާފައިވަނީ ޖުމްލަ 153 ހެކްޓަރުގެ ބިމެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ހިންގި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ހިއްކަން ބޮސްކާލިސްއާ 2019 ވަނަ އަހަރުގައި ހަވާލުކުރީ 53 މިލިއަން ޑޮލަރު ނުވަތަ 817.26 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ހިންގުމަށް ޔޫރަޕުގެ ތިން ބޭންކަކުން 101.7 މިލިއަން ޔޫރޯގެ ލޯނެއް ފާއިތުވި އަހަރު ސަރުކާރުން ނެގިއެވެ. އެއީ 1.7 ބިލިއަން ރުފިޔާއެވެ. ފުރަތަމަ ފިޔަވައްސަށް ހޭދަވި 817 މިލިއަން ރުފިޔާއާއި ދެވަނަ ފިޔަވައްސަށް ހޭދަވި 1.7 ބިލިއަން ރުފިޔާ އެއްކޮށްލުމުން ޖުމްލަ 2.5 ބިލިއަން ރުފިޔާ އެ މަޝްރޫޢަށް ޚަރަދުވެއެވެ.

މި އަދަދުތަކަށް ބަލާއިރު މި މަޝްރޫޢުގައި ހިއްކާ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ގުޅީފަޅުން ހިއްކާ ކޮންމެ އަކަފޫޓަކަށް 151.1 ރުފިޔާ ޖެހޭނެއެވެ. އެހެންކަމުން ރަސްމާލެ ހިއްކުމަށް ޚަރަދުވާ އަދަދަކީ ގުޅީފަޅު ހިއްކަން ހޭދަވި އަގަށްވުރެ 81 އިންސައްތަ ހެޔޮ އަގެކެވެ.

އަދި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތްކުރުގެ އަގު އަދާކުރުމަށް ހަމަޖެއްސި މޮޑެލްގެ ސަބަބުން އާބަންކޯއަށް އަދި ސަރުކާރަށްވެސް ދަރަންޏެއް ނަގަންނުޖެހި އެ މަސައްކަތް ކުރެވޭނެއެވެ.

އެހެންކަމުން މާލީ ނަޒަރަކުން އެކަނި ވިސްނާއިރު އާބަންކޯގެ އެސެޓުން 10 ހެކްޓަރުގެ ބިން ދޫކޮށްގެން އެ ކުންފުނީގެ އެސެޓަށް 1093 ހެކްޓަރުގެ ބިން އިތުރުވެފައި، އެބިން ހިއްކުމަށް ޚަރަދުވާ ފައިސާގެ އަދަދު ގުޅީފަޅު ހިއްކުމަށް ޚަރަދުވާ އަދަދަށްވުރެ އެތައް ގުނައެއް މަދުވުމާއެކު، ބިން ހިއްކާ މަރުހަލާގައި ރައްޔިތުންގެ ބޮލުގައި ދަރަންޏެއް ނޭޅި މަސައްކަތް ނިންމޭ ނިންމުމަކީ ރައްޔިތުންނަށް ލިބޭ ޖުމްލަ ފައިދާއެކެވެ.

މި ލިއުމާއި ގުޅޭ