މި މަހުގެ ފަހު ހަފްތާގައި ހަމަވާ ޓެކްސްގެ މުހިންމު ސުންގަޑިތަކަށް ސަމާލުވުމަށް، ޓެކްސް އިދާރާ، މީރާއިން އިލްތިމާސްކޮށްފި އެވެ.
ސުންގަޑިތަކަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކުރީ ކުރިއަށް އޮތް ހަފުތާތަކަކީ ސްކޫލް ބަންދާއި މީލާދީ އައު އަހަރާއި ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީއެވެ.
އެގޮތުން މި މަހު 28 ވަނަ ދުވަހަކީ މިދިޔަ ނޮވެންބަރު މަހުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ކަމަށް ވާތީ މީރާއިން ވަނީ އެ ތާރީހުގައި ބަޔާން ހުށަހެޅުމަށް ހަނދާންކޮށްދީފަ އެވެ.
އަދި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޖީއެސްޓީ ބަޔާން ހުށަހަޅާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައ،ި އެ ފައިސާ ވެސް މީރާއަށް ދައްކަންޖެހޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެއާއެކު މި މަހުގެ 28 ވަނަ ދުވަހަކީ ނޮވެމްބަރު މަހުގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި ނޮވެންބަރު މަހުގެ އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ވެސް ސުންގަޑި އެވެ.
އަދ،ި 31 ޑިސެންބަރު ވާ ދުވަހަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑިކަމުން އެކަމަށް ސަމާލުވުމަށް ވެސް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީރާގެ ހިދުމަތްތަކަކީ ފަސޭހައިން އޮންލައިންކޮށް ލިބޭ ޚިދުމަތްތަކަކަށް ވެފައ،ި މި ހުރިހާ ޓެކުހެއްގެ ޓެކްސް ބަޔާންވެސް މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށް މީރާއިން ބުނެ އެވެ. އަދ،ި އެ މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވާ ފަރާތްތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީއެސްޓީ ބަޔާން ހުށަހެޅޭނެ ކަމަށް ވެސް މީރާއިން ބުންޏެވެ.