Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

ވެރިކަމަށް ކުރިމަތިލާން ޓްރަމްޕްގެ ޝަރުޠު ހަމަނުވާ ކަމަށް ސްޕްރީމް ކޯޓުން ނިންމައިފި

ވެރިކަމަށް ކުރިމަތިލާން ޓްރަމްޕްގެ ޝަރުޠު ހަމަނުވާ ކަމަށް އެމެރިކާގެ ކޮލޮރާޑޯގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އަންނައަހަރުގެ އެމެރިކާގެ ރިޔާސީ ރޭހަށް ނުކުންނަވާނެކަން ޓްރަމްޕް މާކުރިން އިއުލާން ކުރައްވައި އެކަމަށް ތައްޔާރުވަމުން އަންނަ އިރު، އެ ކޯޓުން ބުނީ، 2021 ވަނަ އަހަރު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިދާރާ ކަމަށްވާ ކެޕިޓަލްއަށް ދީފައިވާ ޙަމަލާގައި ޓްރަމްޕްގެ ބައިވެރިވުން އޮތުމުން، ވެރިކަމަށް ކުރިމަތިލުމަށް އޭނާގެ ޝަރުޠު ހަމަނުވާ ކަމަށާއި، އެ ސްޓޭޓްގައި ބާއްވާ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ޓްރަމްޕަށް ވާދަ ނުކުރެއްވޭނެ ކަމުގައެވެ.

އެ ހުކުމަށް އަމަލު ކުރަން ޖެހޭނީ ކޮލޮރާޑޯގައި އެކަނި ނަމަވެސް، ޓްރަމްޕްގެ ކެނޑިޑެސީއާ ދެކޮޅަށް އެ ސްޓޭޓްގެ ސްޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ބައެއް އެހެން ސްޓޭޓްތަކުން ވެސް މިފަދަ ހުކުމްތަކެއް ކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މިއީ، އެމެރިކާގެ ޤާނޫނު އަސާސީގެ 14 ވަނަ އިސްލާޙުގެ ތިންވަނަ މާއްދާގެ ދަށުން ރައީސް ކަމުގެ މަޤާމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެއްގެ ޝަރުޠު ހަމަނުވާ ކަމަށް ކޯޓަކުން ކަނޑައަޅާފައިވާ ފުރަތަމަ ފަހަރެވެ.
"ޤާނޫނު އަސާސީއަށް ގެނައި 14 ވަނަ އިސްލާޙުގެ ތިންވަނަ މާއްދާގެ ދަށުން ޓްރަމްޕްގެ ޝަރުޠު ހަމަނުވާ ކަމަށް ކޯޓުގެ އަޣުލަބިއްޔަތުން ޤަބޫލު ކުރޭ. މި ނިންމުމާ އެކު މި ސްޓޭޓްގައި ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓު ކަރުދާހުގައި އޭނާގެ ނަން އޮތުމަކީ ޤާނޫނާ ޚިލާފު ކަމަކަށް ވާނެ،" ކޮލޮރާޑޯގެ ހައި ކޯޓުން ބުންޏެވެ.
ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވަނީ މި ނިންމުން ކުށްވެރި ކޮށްފައެވެ. އަދި، މި ނިންމުން އިސްތިޢުނާފު ކުރާނެ ކަން އިޢުލާނު ކޮށްފައެވެ.
ކޮލޮރާޑޯގެ ސްޕްރީމް ކޯޓުން ޓްރަމްޕްގެ ކެނޑިޑެސީ ބާޠިލު ކަމަށް ކަނޑައަޅާފައި ވަނީ، އޭނާއާ ދެކޮޅަށް ގިނަ ޢަދަދެއްގެ ދަޢުވާތަކެއް އުފުލައި، ޝަރީއަތް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
އޭނާއަށް ދެކޮޅަށް އުފުލާފައިވާ ބައެއް ދަޢުވާ ތަކުގެ ތެރޭގައި 2020 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލައްވަން މަސައްކަތް ކުރެއްވުމުގެ ކުށް ހިމެނެއެވެ. މިއީ، ޓްރަމްޕާ ދެކޮޅަށް އުފުލާފައިވާ ސިޔާސީ ދަޢުވާތަކެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވައެވެ.
ރައީސް ކަމުގެ މަޤާމަށް ޓްރަމްޕްގެ ޝަރުޠު ހަމަނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޮލޮރާޑޯގެ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ސިޓިޒެންސް ފޯ ރެސްޕޮންސިބިލިޓީ އެންޑް އެތިކްސް އިން ވޮޝިންޓަނުންނެވެ.

ކޮލަރާޑޯގެ ސްޕްރީމް ކޯޓަކީ އެމެރިކާގެ އެންމެ މަތީ ސްޕްރީމް ކޯޓު ނޫންކަމުން މިހުކުމަށް ބަދަލު އައުމުގެ ފުރުޞަތު އިސްތިއުނާފަށްފަހު އޮތުން އެކަށީގެންވެއެވެ. އެމެރިކާގެ އެންމެ ފަހު ބަސް އިއްވާނީ އެމެރިކާގެ އެންމެމަތީ ކޯޓް ވޮޝިންޓަންގައި ހުންނަ ސްޕްރީމް ކޯޓުންނެވެ.

މި ލިއުމާއި ގުޅޭ