އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުންދިޔަ ޕިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލާގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
މޭރީގެ މަރުގެ މައްސަލައިގައި އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލާފައިވާ ޅ.ހިންނަވަރު, މާފިނި ގޭ ލަމްހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން އަމުރު ނެރުނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
180 ދުވަހަށް ލަމްހާ ބަންދުން ދޫކޮށްލީ މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުމަށާއި ރޭގަނޑު 22:00 އިން ހެނދުނު 06:00 އަށް ގެއިން ބޭރުގައި ނޫޅުމަށް ޝަރުތުކުރުމަށްފަހުއެވެ.
ދަށު ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހޭތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ވަނީ މި މައްސަލާގައި ހުކުމްކޮށްފައެވެ.
ލަމްހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އޭނާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން އަމުރު ނެރުނުއިރު އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ބެލުނު ސަބަބު ނެތިގޮސްފައިވޭތޯ ބަލައި ވަޒަންކުރެވިފައިވާކަން އެނގެން ނެތް ކަމަށެވެ.
އެހެންކަމުން ދަށު ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ޚިލާފު އަމުރެއް ކަމަށް ހައިކޯޓުން ބުންޏެވެ.
އެގޮތުން ހައިކޯޓުން ވަނީ ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކަމަށް ކަނޑައަޅައި އޭނާ ބަންދުގައި ބަހައްޓަން އެ ކޯޓުން ކުރިން ނެރުނު އަމުރު ދެމިއޮތް ކަމުގައި ކަނޑައަޅާފައެވެ.
2021 ވަނަ އަހަރު މޭރީ މަރައިލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް ލަމްހާއާއި މި މައްސަލާގައި ދެން ދައުވާ އުފުލާފައިވާ މޭރީގެ ފިރިމީހާ މާވިންއަށް ކުރާ ދައުވާތަކުގައި ވެއެވެ.