Thursday 18th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ބަޖެޓު

ފެކްޓު ޗެކް: މުސާރަތައް މަޖިލީހުން މުރާޖައާކުރަނީ ސަރުކާރުން ބަޖެޓުގައި ހިމަނައިގެންނެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދައުލަތުގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރަތައް މުރާޖައާކުރަން އިއްޔެ ނިންމުމާ ގުޅިގެން އެ ކޮމިޓީގައި ބޮޑު އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީއަށް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން، އެ ނިންމުމަކީ 2024 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ކަމެއްކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެގޮތުން ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މުސާރަ ބޮޑުކުރަން ނިންމާފައިވަނީ ޕޭހާމަނައިޒޭޝަނުގެ ދަށުންނެވެ. ނަމަވެސް ޕޭ ހާމަނައިޒޭޝަން މަސައްކަތަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާ ޕޭ ކޮމިޝަނުގެ ބެލުމުގެ ދަށުން ހިނގާ މަސައްކަތެކެވެ. އަދި ޕޭހަމަނައިޒްކުރުން ބަޖެޓުގައި ހިމެނި ފުރަތަމަ އަހަރަކީ މި އަހަރެއްވެސް ނޫނެވެ.

އެގޮތުން 2023 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ފާސްކުރި ބަޖެޓުގައިވެސް ޕޭ ހާމަނައިޒޭޝަނަށް ފައިސާ ހިމަނާފައިވެއެވެ. 2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2023 ވަނަ އަހަރުގެ ބަޖެޓުގެ "ސްޕެޝަލް ބަޖެޓު" ބައިގައި ޕޭ ހާމަނައިޒްކުރުމަށް 493.1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ނަމަވެސް އެ އަހަަރު ޕޭ ހާމަނައިޒްކުރަން ބަޖެޓުގައި ހިމަނާފައި އޮތުމުގެ ސަބަބުންކަމަށް ބުނެ މާލިއްޔަތު ކޮމިޓީން މަޖިލީހުން ކަނޑައަޅާ މުސާރަތައް މުރާޖައާކޮށްފައިނުވެއެވެ.

މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ސަރުކާރުން ހުށަހެޅިއިރު، އެ ބަޖެޓުގައިވެސް ހިމަނާފައި އޮތީ ޕޭ ހާމަނައިޒޭޝަން އެކަންޏެވެ. މަޖިލީހުން ކަނޑައަޅާ މުސާރަތައް މުރާޖައާކުރުމެއް ބަޖެޓުގައި ހިމަނާފައިނުވެއެވެ.

ބަޖެޓު ދިރާސާކުރުމުގެ މަރުހަލާގައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފު ތާއީދުކުރައްވައިގެން ބަޖެޓުގެ ތެރޭގައި އަލަށް ހިމެނުއްވި އެއްކަމަކީ މަޖިލީހުން ކަނޑައަޅާ މުސާރަތައް މުރާޖައާކުރުމެވެ. އެއީ ޕޭހަމަނައިޒޭޝަނުގެ އިތުރަށް މަޖިލީހުން ގެނައި ބަދަލެކެވެ.

އެ ބަދަލު ގެނައީ ބަޖެޓު ކޮމިޓީންނެވެ. އެ ކޮމިޓީއަކީ އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ ކޮމިޓީއެކެވެ. އެ ކޮމިޓީން ގެނައި ބަދަލާ އެއްގޮތަށް މަޖިލީހުން އެ ބަޖެޓު ފާސްކުރިއިރު މަޖިލީހުގައިވެސް އަޣުލަބިއްޔަތު އޮތް ޕާޓީއަކީ އެމްޑީޕީއެވެ.

މިއަދު ސަރުކާރުން ހާމަކުރި ގޮތުގައި ދައުލަތުގެ ވެރިންގެ މުސާރަތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ސަރުކާރާ މަޝްވަރާނުކޮށެވެ. އަދި އެފަދައިން މުސާރަތައް ބޮޑުކުރުމަށް ސަރުކާރުން ތާއީދުނުކުރާކަން ސަރުކާރުން ހާމަކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެފަދައިން އިތުރުކުރާ މިންވަރު އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން ނިންނަވައި އެކަން އިއުލާނުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބާއި، ވަޒީރުންނާއި، ދައުލަތުގެ އެހެނިހެން އިސްވެރިންގެ މުސާރަތައް ބޮޑުކުރުމަކީ ރައްޔިތުންގެ ނުރުހުން އަމާޒުވާނެކަމެއްކަން ސާފުކޮށް އެނގި ތިބެ، ދައުރު ނިމެން 6 މަހަށްވުރެ ކައިރިވެފައިވާ މަޖިލީހަކުން ނިންމާން އުޅެނީ ސަރުކާރުން ދެކޭ ގޮތުގައި ސަރުކާރުގެ އަގުވައްޓާލައި ރައްޔިތުންގެ މެދުގައި ސަރުކާރާމެދު ނަފުރަތު އުފެއްދުމުގެ ނިޔަތުގައެވެ.

މި ލިއުމާއި ގުޅޭ