ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.
އާބަންކޯއިން ބުނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ ހުރިހާ އުޅަނދުތައް އެ ސަރަހައްދުން ނަގަން ޖެހޭ ކަމަށެވެ.
އެ ކުންފުނިން ވަނީ އުޅަނދުތައް ނަގަން ޖެހޭ ސަރަހައްދު ފާހަގަކޮށް ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ސަރަހައްދުގެ ފަޅުތެރެ ހުސްކުރުމަށް އަންގާފައިވާއިރު އެ އުޅަނދުތައް އެސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
ޗާޓުގެ ސްޓޭޖް 2 (ސައިޓް ބީ) ނުވަތަ ފެހި ކުލައިން ފާހަގަ ކޮށްފައިވާ ސަރަހައްދުގެ އިތުރުން ރަތް ކުލައިން ފާހަގަ ކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެ ކުންފުނިން ވަނީ އަންގާފައެވެ.
މިަކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ އެ އުޅަނދުތަކުގެ ވެރިން އެކުންފުނީގެ ހޯޓްލައިން 1516 އަށް ގުޅުއްވައި މައުލުމާތު ސާފު ކުރުމަށްފަހު، ވީހާވެސް އަވަހަކަށް އުޅަނދުތައް އެސަރަހައްދުން ނެގުމަށް އާބްނަކޯއިން އަންގާފައިވެއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ސައިޓް އޭ މިހަރު ވަނީ 70 އިންސައްތަ ވަނީ ހިއްކާ ނިމިފައެވެ. ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކަން މި ސަރުކާރުން ވަނީ ނިންމާފައެވެ.
މިއީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހިންގާ މަޝްރޫއެކެވެ.