Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މޮރިޝަސްއަށް ރައީސް އިބްރާހީމު ފޮނުއްވި ސިޓީގައި ހިމެނޭ ވާހަކަފުޅުތަކާ ގުޅޭ ލިޔެކިޔުންތަކެއް ނެތް

ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖެއިން ޤަބޫލުކުރާކަން އަންގަވައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ހިމެނޭ މުހިއްމު ގިނަ ވާހަކަފުޅުތަކާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ސަރުކާރުގައި ފެންނަން ނެތްކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.

ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްސަ ސަރަހައްދާއި ޗާގޯސްގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ފުށުއަރާ ބައިގެ އިންވަކިކުރުމުގެ މައްސަލާގައި އިޓްލޮސްއިން ނިންމި ނިންމުމާ ގުޅިގެން އެ ނިންމުން ބަދަލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން ބަންޑާރަނައިބުގެ އޮފީހާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ހަވާލުކުރައްވާފައެވެ.

އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނަކާއެކު، ބަންޑާރަނައިބުގެ އޮފީހުންވަނީ މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް ހިނގާނެކަން ޤަބޫލުކޮށް، ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބެލުމަށް އދ.ގައި ވޯޓު ދިނުމަށް ރާއްޖެއިން އެއްބަސްވާކަން އަންގަވައި ރައީސް އިބްރާހިމު ފޮނުއްވި ސިޓީ އާންމުކޮށްފައެވެ.

އެ ސިޓީއަކީ 2022 ވަނަ އަހަރުގެ ޖޫން 24 ވަނަ ދުވަހު ރުވާންޑާގައި ކޮމަންވެލްތުގެ ދައުލަތްތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއި ރައީސް އިބްރާހީމާ މަޝްވަރާކުރެއްވި ކުރެއްވުމަށް ހަވާލާދީ ފޮނުއްވި ސިޓީއެއްކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ސިޓީގައި އިޝާރާތްކޮށްފައިވާ ބައްދަލުވުމުގައި ރައީސް އިބްރާހީމާއި މޮރިޝަސްގެ ބޮޑުވަޒީރުގެ މެދުގައި މަޝްވަރާކުރެއްވި ކަންކަމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އެއްވެސް ލިޔެކިޔުމެއް ބަދަލުކޮށްފައިވާކަން އެ އޮފީހުގެ ރެކޯޑުތަކުން ފެންނަން ނެތް ކަމަށެވެ.

އަދި ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާނެކަމަށް ރާއްޖެއިން އެއްބަސްވުމުން، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު ކަނޑައެޅުމަށް ރާއްޖެއިން "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް"އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައާމެދު މޮރިޝަސްއިން ހުށަހެޅީ އިޢުތިރާޟަށް ހައްލެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް އިބްރާހީމުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެ އިޢުތިރާޟަށް ހައްލެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ކުރީގެ ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވީ ނަމަވެސް، އެ އިޢުތިރާޟާމެދު އަމަލުކުރާނެ ގޮތާމެދު މޮރިޝަސްއާއި ރާއްޖެއާ ދެމެދުގައި އެއްވެސް ލިޔެކިޔުމެއް ބަދަލުކުރެވިފައި އޮތްކަން ބަންޑާރަނައިބުގެ އޮފީހުގެ ރެކޯޑުތަކުން ފެންނަން ނެތްކަމަށް އެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ އެ ސިޓީގެ އިބާރާތުން، ރައީސް އިބްރާހީމުގެ ސިޓީފުޅަކީ ރާއްޖެއާއި މޮރިޝަސްގެ މެދުގައި ވަކި ކަންތައްތަކަކަށް އެއްބަސްވެވިގެން ފޮނުއްވި ސިޓީފުޅެއްކަން ދޭހަވި ނަމަވެސް، ދެ ޤައުމުން އެއްބަސްވި ކަންކަމަކީ ކޮބައިކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް އަދި އެކަންކަން ތަންފީޒުވިކަން އެނގޭނެ އެއްވެސް ރެކޯޑެއް ނުވަތަ ލިޔުމެއް ފެންނަން ނެތްކަމަށެވެ.

މި މައްސަލާގައި ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛޫ މުޙައްމަދު އަނިލް އިސްކޮށް ހުންނަވައިގެން، ގެންދަވަނީ މި މައްސަލާގައި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ކުރީ ސަރުކާރުން ހިންގާފައިވާ އަމަލުތަކާ ގުޅޭ ރިޕޯޓެއް އެކުލަވައިލާ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ތައްޔާރުކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން އަންނަނީ ކުރަމުންނެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ޤާނޫނުތަކގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދު ފުރިަހަމއަށް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއް އެ އޮފީހުން ކުރާނެ ކަމަށެވެ. އަދި އެއްވެސް ނުފޫޒެއް ނެތި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ފުރިހަމަ މާނާގައި އިސްކުރާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ