Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

ސިޔާސީ ސަބަބުތަކަށްޓަކައި މަޖިލީހުން އުސޫލުތައް ބަދަލުކުރުމަކީ ދެރަކަމެއް: އުޝާމް

ސިޔާސީ ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަކީ ވަރަށް ދެރަކަމެއް ކަމުގައި ބަންޑާރަނައިބު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.

އުޝާމު މިފަދައިން ވިދާޅުވެފައިވަނީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު އަމަލުކުރި ގޮތަށް އިޝާރާތްކުރައްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގެ ވަޒީރުންނަށް ވަކިވަކިން ރުހުން ހޯދުމަށް އެހުމަށް ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ވޯޓަށް އެހުމަށް މިއަދުގެ މަޖިލިސް ޖަލްސާއަށް ތާވަލުކުރިއެވެ.

އެ މައްސަލައިގެ ވޯޓަށް އެހުމުގެ ކުރިން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، އެ ރިޕޯޓު ފުރިހަމަނުވާ ކަމަށެވެ. ފުރިހަމަނުވާ ސަބަބެއްކމަަށް އޭނާ ފާހަގަކުރެއްވީ އެ ރިޕޯޓުގައި ވުޒާރާތަކުގެ މެންޑޭޓު ފާސްކޮށްފައި ނެތުމެވެ. އެ ނިޒާމީ ނުކުތާ ބަލައިގަންނަވައި، އެ ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުއްވަން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމެވިއެވެ.

އެ ނިންމެވުމާ ގުޅިގެން އުޝާމު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޤާނޫނު އަސާސީ 116 ވަނަ މާއްދާގެ ދަށުން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ.

އިތުރަށް އޭނާ ފާހަގަކުރެއްވީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުން އައީވެސް އެއީ ތަފާތު ދެ ކަމެއް ކަމުގައި ބަލައިގެން ކަމެވެ. އެގޮތުން 2018 ވަނަ އަހަރުވެސް ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދަން ފޮނުވީ އެ އަހަރުގެ ނޮވެންބަރު 22 ވަނަ ދުވަހު ކަމަށާއި ޑިސެންބަރު 4 ވަނަ ދުވަހު ރުހުން ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެފަހަރު ވުޒާރާތަކުގެ މޭންޑޭޓު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވަޒީރުންނަށް މަޖިލީހުން ރުހުންދިން ފަހުން އެ އަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުގައިކަމަށް އުޝާމު ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުންނުދީ ހިފަހެއްޓުމުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގެ އިޖުރާއާތުތައް ބަދަލުކޮށް ފަސޭހަކުރަން ހުށަހެޅި އިސްލާހު މިއަދު އެމްޑީޕީން ފާސްކޮށްފައިވާއިރު، ރައީސް އަޒުލުކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޝިފާއު މިއަދު އިންޒާރުދެއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ