ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ދީނަށް ފުރައްސާރަކޮށް، އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ މައްސަލައިގައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ޕީޖީ އޮފީހުގެ ފަރާތުން ދައުލަތް ތަމްސީލުކުރާ، ދައުލަތުގެ އިސް ގާނޫނީ ވަކީލެއް އިސްލާމްދީނުގެ މަތިވެރި އަހުލާގިއްޔަތާއި އާންމު އަދަބުތަކާ، ދިވެހި މުޖްތަމައުގެ ގަބޫލުކުރުންތަކާ ހިލާފަށް އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ ފެތުރެމުންދާ ކަމަށެވެ.
ވަކި ނަމެއް ހާމަނުކޮށް އެ މައްސަލައިގައި ބުނެފައިވަނީ އެ ވީޑިއޯގައި އިސްލާމްދީނުގެ ހުރިހާ އުސޫލުތަކާ ހިލާފަށް އުޅޭ ޕްރޮސެކިއުޓަރަކީ ދައުލަތުގެ އެންމެ މުހިންމު އެއް މިނިވަން މުއައްސަސާ ކަމަށްވާ ޕީޖީ އޮފީހުގެ ފަރާތުން އާންމުންނާ މީޑިއާތަކަށް މައުލޫމާތު ދިނުމުގެ ޒިންމާއާ ހަވާލުވެ ހުރި ވަކީލެއް ކަމަށެވެ.
ޝަފީއު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ފޮޓޯތަކަކާއި ވީޑިއޯތަކެއް ދާދި ފަހުން ޝޯޝަލް މިޑިއާގައި ދަނީ ދައުރުކުރަމުންނެވެ. އެ ފޮޓޯތަކުގެ ތެރެއިން ބައެއް ފޮޓޯތަކުގައި ދީނަށް ފުރުއްސާރަކޮށް ފޮނުވާފައިވާ ފޮޓޯތައްވެސް ހިމެނެއެވެ. އެއާއެކު އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ ގާނޫނުއަސާސީން މަތިކޮށްފައިވާ ދުސްތޫރީ ބޮޑެތި ވާޖިބުތަކެއް އަދާކުރުން ލާޒިމްކޮށްފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލަކު އެފަދަ ދަށު ދަރަޖައިގެ އަމަލުލުތައް ހިންގުމުން ފިޔަވަޅު ނޭޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތަކެއް ހިންގުމުން އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ފާހިޝް އަމަލުތައް ދިވެހި މުޖްތަމައުގައި އިތުރުވެދާނެ ކަމަކަށް ވާތީ، އޭނާއަށް ތުހުމަތުވާ މައްސަލަތައް ތަހުގީގުކޮށް، ޝަރީއަތުން ކަނޑައަޅާ އަދަބު ތަންފީޒުކުރުމަށް ކުއްލި މައްސަލައިގައި ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.