Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ނައިފަރުގެ ފެނުގެ ނިޒާމު ކުންފުންޏާ ހަވާލުކުރިއިރު ބޮޑެތި މައްސަލަތައް ހައްލުކޮށްފައިނުވޭ: ފެނަކަ

ޅ.ނައިފަރުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމުމަށްފަހު، އެ ނިޒާމު އޮޕަރޭޓުކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ ފެނުގެ ނިޒާމު ޤާއިމުކުރުމުގައި ޖެހިފައިހުރި ބޮޑެތި މައްސަލަތައް ހައްލުނުކޮށްކަމަށް ފެނަކައިން ބުނެފިއެވެ.

ނައިފަރުގެ ފެނުގެ ނިޒާމުގައި މައްސަލަ ދިމާވެ އެކީ ފެން ކެނޑުމަށްފަހު، ފަހުން ފެނުގެ ޚިދުމަތް ފެށިފަހުންވެސް އިރުކޮޅާ ފެން ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން ގޮސްފައިވާތީ ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި އެކަމާމެދު މައާފަށް އެދުމާއެކު، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމުގެ ޔަގީންކަން ދީފައިވެއެވެ.

ފެނަކައިން ބުނި ގޮތުގައި ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތަކީ 2017 ވަނަ އަހަރު ފެށި މަސައްކަތެކެވެ. ނަމަވެސް ދިމާވި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު އެ މަސައްކަތް މެދުކަނޑައިލުމަށްފަހު އަލުން މަސައްކަތް ފެށީ 2020 ވަނަ އަހަރުއެވެ. މަސައްކަތް ނިމުނީ 2022 ވަނަ އަހަރުއެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ފެނަކައިން ބުނި ގޮތުގައި އެ ނިޒާމު ފަރުމާކުރި ތާރީޚާއި ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމުނު ތާރީޚާ ދެމެދުގައި ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން، މީހުން ދިރިއުޅޭ ގޭބީސީތައް އިތުރުވެ ފެނަށް އޮންނަ ޑިމާންޑުވެސް އިތުރުވެފައިވެއެވެ.

މި އަހަރު ފެނުގެ ނިޒާމު ފެނަކައާ ހަވާލުކުރި ބޮޑެތި މައްސަލަތަކެއް އެ ނިޒާމުގައި ހުރިކަމަށާއި، އެގޮތުން ފެނުގެ ވިއުގައިން ފެން ފޭދުމާއި، ޕްލާންޓުގައި ހުރި އެކި ފަންނީ މައްސަލަތަކާއި، ފޯރުކޮށްދޭ ފެނުގެ ފެންވަރުގެ މައްސަލަތައް ފާހަގަކުރެވިފައިވާކަމަށް ފެނަކައިން ބުނެއެވެ.

އެ ނިޒާމު ފެނަކައާ ހަވާލުކޮށް ޚިދުމަތް ދޭން ފެށިއިރު އެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ގެނެވިފައި ނެތްކަމަށާއި، ފެން އުފައްދާ ނިސްބަތަށްވުރެ ފެން ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ބައެއް ވަގުތުތަކުގައި މުޅި ރަށުން ފެނުގެ ޚިދުމަތް މެދުކަނޑައިލަންޖެހޭކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ފެން ފޯރުކޮށްދެވޭ މިންވަރަށްވުރެ ފެން ބޭނުންކުރާ މިންވަރު އިތުރުވުމުން ނައިފަރަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް އިތުރު ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ބޮޑަށް އިސްކަންދީގެން ފެނަކައިން ކުރަމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން އިތުރަށް ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނެ އެ ފިޔަވަޅުތައް ހަލުއިކޮށް އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މުސްތަޤުބަލުގައި އެފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއްދީގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސާނެކަމުގެ ޔަގީންކަން ކުންފުނިން ދީފައިވެއެވެ.

ފެނަކައަކީ ހިންގުމުގެ އިންތިޒާމުތައް ދޯހަޅިވުމުގެ ސަބަބުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިންތިހާއަށް ދަރަނިވެރިވެފައިވާ ކުންފުންޏެއްކަމަށްވާއިރު އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި އެކި ވަސީލަތްތައް އާބާތުރަފިލުވައި މަރާމާތުކުރުމުގެ މަސައްކަތް ނުކޮށް ފަރުވާކުޑަކޮށްފައިވުމުގެ ސަބަބުން އެކި މައްސަލަތައް އަންނަނީ ކުރަމަތިވަމުންނެވެ.

މި ލިއުމާއި ގުޅޭ