Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފައިސާ ޗާޕުކުރުން

ޙައްދެއް ނެތި ދަރަންޏަށް ފައިސާ ނަގައި ރުފިޔާ ޗާޕުކުރެވޭ އިސްތިސްނާ އުވައިލަން ސަރުކާރުން އެދިއްޖެ

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުން އިސްތިސްނާކުރި މާއްދާތައް އަލުން އިއާދަކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) , (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުުސޫލުތަކަށް އަމަލުކުރުން އިސްތިސްނާކުރުމަށް އެދި 26 އޭޕްރީލް 2020 ގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ގުދުރަތީ ކާރިސާއެއް ކަމަށްވާ ކޮވިޑު-19 ގެ އާލަމީ ވަބާ ރާއްޖެއަށް ކުރިމަތިވުމުގެ ސަބަބުންނެވެ. އަދި މި ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ހީނަރުކަން ފިލައިގެން ގޮސްފައިނުވާތީ ދެފަހަރެއްގެ މަތިން މި އިސްތިސްނާގެ މުއްދަތު ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްދިނެވެ.
ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް، އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައި ކަމަށެވެ. އަދި މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ 3 އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 1 އިންސައްތަ އަށްވުރެ އިތުރުނުވާނޭ ގޮތެއްގެމަތިން ކަމަށެވެ.
މި މާއްދާގެ (ރ) ގައި ބުނެފައިވަނީ 1 ޖެނުއަރީ 2016 އިން ފެށިގެން، ދައުލަތުން ދަރަންޏަށް ފައިސާ ނަގަންވާނީ، ގައުމީ ތަރައްގީގެ މަޝްރޫއުތަކަށާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށާއި އެ ތާރީޚުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި، ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށެވެ. އަދި (ބ) ގައި ބުނެފައިވަނީ މި މާއްދާގެ (ރ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމަށްޓަކައި، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެ ކަމަށެވެ.

2014 ވަނަ އަހަރުގައި ފާސްކުރި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ މި ތިން މާއްދާއަކީ ފައިސާ ޗާޕުކުރުން ވަކި އިންތަކެއްގެ ތެރޭގައި ހިފަހެއްޓުމާއެކު، ދައުލަތުން ނަގާ ދަރަންޏަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގައި، އެއިން ފައިސާ ލިބޭނެ ކަންކަން ކުރުމަށް ނަގާ ފައިސާކަން ޔަގީންކުރުމަށް އެ ޤާނޫނުގައި ހިމަނާފައިވާ ތިން މާއްދާއެވެ. 2020 ވަނަ އަހަރުން ފެށިގެން ތަފާތު 3 ފަހަރެއްގެ މަތިން ކުރީ ސަރުކާރުން އެދިގެން އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުންވަނީ މި މާއްދާތައް ސަސްޕެންޑުކޮށްފައެވެ.

މި މާއްދާތައް ސަސްޕެންޑުކުރުމަށްފަހު މިއިން ޒަމާނެއްގައި ދިވެހި ސަރުކާރުން ފައިސާ ޗާޕުނުކުރާ މިންވަރަށް ފައިސާ ޗާޕުކުރުމާއެކު، ބަޖެޓު ސަޕޯޓަށާއި ދަރަނި އަދާކުރުމަށް ބޮޑެތި އަދަދުތަކުން ދަރަންޏަށް ފައިސާ ނެގިއިރު، އެއިން ގިނަ ލޯނުތަކަކީ ކޮންސެޝަނަލް ނުވަތަ ލުއި ލޯނުތަކެއް ނޫންކަން ބައިނަލްއަޤުވާމީ މާލީ އިދާރަތަކުން ފާހަގަކޮށްފައިވެއެވެ. އެކަމުގެ ސަބަބުން އިންފުލޭޝަން މަތިވުމާއެކު، ދަރަނީގެ ހިރާސްތައް އިޤުތިޞާދަށް އޮތް މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ އިގުތިސާދީ ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ރާއްޖެއަށް ރިއަލް ޖީޑީޕީ ވަނީ ކޮވިޑުގެ ކުރިން ހުރި މިންވަރު ފަހަނައަޅައި ގޮސްފައި ކަމަށާއި އެގޮތުން 2022 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައި ކަމަށެވެ.
''އެހެންކަމުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މިހާރު ނެތުމުން 01 ޖަނަވަރީ 2024 ވަނަ ދުވަހުން ފެށިގެން މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) , (ރ) އަދި (ބ) އިސްތިސްނާކުރުން ނިމުމަކަށް ގެނެސްދެއްވައި މި ގާނޫނަށް އަމަލުކުރުން ފުރިހަމަގޮގޮތުގައި އިއާދަކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މި ވުޒާރާއިން ހުށަހެޅީއެވެ.''
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް އިސްތިސްނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ގާނޫނު އެކީ އިއާދަކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.
މި ލިއުމާއި ގުޅޭ