އަންނަ 2024 ވަނަ އަހަރުގައި ދިވެހިރާއްޖެއަށް 2.01 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ލަފާކޮށްފިއެވެ.
އަންނަ އަހަރަށް މަޓާޓޯއިން މަހަކު އެއް ފަހަރު އާންމުކޮށް ޝާއިއުކުރާ މަޓާޓޯ ނިއުސްގެ ޑިސެންބަރު މަހުގެ އަދަދުގައި އާންމުކޮށްފައިވާ އަންނަ އަހަރުގެ ފޯކާސްޓު ނުވަތަ ފަތުރުވެރިކަމުގެ ލަފާކުރުމުގައި ބުނެފައިވަނީ އަންނަ އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މި އަހަރު އަންނާނެކަމަށް ލަފާކުރި މިންވަރަށްވުރެ %7.9 އިތުރުވާނެ ކަމަށެވެ.
އެގޮތުން މަޓާޓޯއިން ލަފާކުރާ ގޮތުގައި އަންނަ އަހަރު ރާއްޖެއަށް ޖުމްލަ 2.01 މިލިއަން ފަތުރުވެރިން އަންނާނެއެވެ. ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވާނެކަމަށް ލަފާކުރާ ސަބަބުތައް މަޓާޓޯގެ ލަފާގައި ހިމަނާފައިވެއެވެ.
މަޓާޓޯއިން ފާހަގަކުރި ގޮތުގައި އަންނަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވާ އެއް ސަބަބަކީ ޗައިނާ ބާޒާރުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، ފަތުރުވެރިންނަށް ޚިދުމަތް ދޭ އައު ތަންތަން ހުޅުވުމުގެ ސަބަބުން ރާއްޖެއިން ލިބެންހުރި ވަސީލަތްތައް އިތުރުވެ، އަންނަ ފަތުރުވެރިންގެ ބާވަތްތައް އިތުރުވުމެވެ.
އަދި އަންނަ އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މައި ގިމަތަ (ޓާމިނަލް)ގެ މަސައްކަތް ނިމި، އެއާޕޯޓުގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރުވުމުގެ ސަބަބުން، އިތުރު ފަތުރުވެރިން އައުމަށް މަގުފަހިވެގެން ދިއުމެވެ. އަދި މަތީ ފަންތީގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް އޮތް ޑިމާންޑު އިހު އޮތް ގޮތަށް ދެމިގެންދިއުމަކީވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވާނެ ސަބަބެއްކަމަށް މަޓާޓޯއިން ބުނެފައިވެއެވެ.
ހަމައެހެންމެ ކާވެނި ބޭއްވުމަށާއި ހަނީމޫން ހެދުމަށް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުވުމަކީވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވާނެ ސަބަބެއްކަމަށް އެ އެސޯސިއޭޝަނުން ދެކެއެވެ.
މަޓާޓޯއިން ލަފާކުރާ ގޮތުގައި އޭޝިއާގެ މާކެޓުތަކުން 1.2 މިލިއަން ފަތުރުވެރިން އަދި ޔޫރަޕުން 400،000 ފަތުރުވެރިންނާއި އެމެރިކާއިން 200،000 ފަތުރުވެރިން އަދި އެހެނިހެން ޤައުމުތަކުން 210،000 މީހުން ރާއްޖެއަށް ޒިޔާރަތްކުރާނެއެވެ.
އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އެ ޖަމްއިއްޔާއިން އަންދާޒާކުރި ނަމަވެސް، ފަތުރުވެރިކަމަށް ހުރި ބައެއް ހިރާސްތައް އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ. އެގޮތުން ދުނިޔޭގެ އިޤުތިޞާދު އަޑިއަޅައިލުމަކީ ފަތުރުވެރިކަން އިތުރަށް ފުޅާވުމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި މަޓާޓޯއިން ފާހަގަކުރިއެވެ.
އޭގެ އިތުރަށް ދަތުރުފަތުރުކުރުމުގެ ޚަރަދުތަކާއި އަގުތައް ބޮޑުވުމަކީވެސް ދަތުރުކުރުމަށް ދަތުރުވެރިންގެ އޮތް ޝައުޤުވެރިކަން ކުޑަވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ބައިނަލްއަޤުވާމީ ފެންވަރެއްގައި ހިނގަމުން އަންނަ ސިޔާސީ ހަމަނުޖެހުމާއި ނުތަނަވަސްކަމަކީވެސް ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމުގައި މަޓާޓޯއިން ދެކެއެވެ.