އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން ބައިވެރިނުކޮށް، ދަ ޑިމޮކްރެޓްސްއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދާ މައްސަލާގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ތެރޭގައި ދެބަސްވުން އުފެދިއްޖެއެވެ.
މާލެ ކައިރީ ރިސޯޓެއްގައި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެދުގައި ސިއްރިއްޔާތުގައި ބާއްވާ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، މަޖިލީހުގެ ނައިބުރައީސް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ރައީސް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފާއި، ޕާޓީގެ ނައިބުރައީސް މުޙައްމަދު ޝިފާޒާއި، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންކަން ސާފުވެފައިނުވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް އަންނަ ހަފުތާ ތާވަލުކުރާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ފަސޭހަކުރަން މަޖިލީހުގެ އާންމު ކޮމިޓީން މަޖިލީހުގެ ހިންގާ ޤަވާއިދާ ގެންނަން ފާސްކުރި އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުންވެސް ފެށޭ ހަފުތާގެ ތެރޭގައި ތާވަލުކުރާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްޑީޕީގެ މެންބަރުން ތިބޭ ގުރޫޕުތަކުގައި ގިނަ މެންބަރުން ބުނަމުންދަނީ ޕާޓީގެ ފަރާތުން އެހެން ޕާޓީއަކާ ވާހަކަދައްކާނަމަ، ޕާޓީގެ ޗެއާޕާސަން އަދި ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ބައިވެރިވެވަޑައިގަތުން އޮންނަންވާނެ ކަމަށެވެ. އަދި ޕާޓީގެ މެންބަރުން ޕާޓީ ހިންގުމަށް އިންތިޚާބުކުރީ އެ ބޭފުޅުން ކަމަށެވެ.
ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ފަސޭހަކުރަން އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އާންމު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންނަކީ ވޯޓު ނަގާ ވަގުތު ތަޅުމުގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތު ކަމަށް ބެލުމަށް ޤަވާއިދު އިސްލާހުކުރަން ފާސްކޮށްފައެވެ. ކުރިން މަޖިލީހުގެ އަޣުލަބިއްޔަތުކަމަށް ބަލަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތެވެ.
މި އިސްލާހު އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމެވެ. އެ އިސްލާހު ފާސްވެއްޖެނަމަ، މިހާރު އެމްޑީޕީގައި ތިއްބެވި މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވޭނެއެވެ.