2023 ސެޕްޓެމްބަރު މަހުގެ 5 ވީ އަންގާރަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 16 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ގަވާއިދާ ހިލާފަށް ޕާކު ކުރުމުން ކޮށްފައިވާ ޖޫރިމަނާތައް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މާފްކޮށްދެއްވައިފިއެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރުމުން ކޮށްފައިވާ ޖޫރިމަނާތައް ބޮޑުވެ އެތައްބަޔަކު މީގެ ކުރިން އަޑުއުފުލާފައިވެއެވެ. ދައުލަތައް ދައްކަންޖެހޭ ފައިސާ ބޮޑުވެ އަތްނުފޯރާފަށަށް އެރުމުން ދިރިއުޅުމުގައި ކުރަންޖެހޭ އެހެން އަސާސީ ކަންކަން ނުކުރެވޭ ހާލަތަށް ދާކަމަށް ބުނެ އެތައްބަޔަކު މީގެ ކުރިން މީސް މީޑިއާތަކުގައި އަޑު އުފުލާފައި އެވެ.
އެ ހުރިހާ ޝަކުވާތަކަކަށް ލުއި ކަމެއް ގެނެސްދިނުމުގެ ގޮތުން ރައީސް ޑރ. މުއިއްޒު ޖޫރިމަނާތަކެއް މާފްކޮށްދެއްވިކަމަށް ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ ފަހެއް ސެޕްޓެމްބަރު 2023 އިން ފެށިގެން 16 ނޮވެމްބަރު 2023 އަށް ކޮށްފައި ހުރި ޖޫރިމަނާތައްވެސް ގާނޫނުގައިވާގޮތުގެ މަތިން މައާފް ކުރުމަށް، އެހެންވީމަ އެ ޖޫރިމަނާތަކުން އަސަރުކޮށްފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ޖޫރިމަނާތައް މައާފްވެގެން ދާނެފިރުޒުލް ވިދާޅުވިއެވެ
ގަވާއިދާ ހިލާފަށް ޕާކުކުރުމުން ކޮށްފައިވާ ޖޫރިމަނާތައް މާފްކޮށްދެއްވުމަކީ، ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިޙާބުގެ ކެމްޕޭން ދުވަސްވަރުގައި ވެފައިވާ ވައުދުފުޅުތަކުގެ ތެރެއިން 1 ވައުދެވެ. ރައީސް އެ ވައުދުވުމުން އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް 5 އަހަރުދުވަހުގެ ޖޫރިމަނާ މާފްކޮށްދެއްވާފައިވެއެވެ.