ކޮމިޓީ މަރުހަލާގައި ނިންމި ގޮތަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް 300 މިލިއަން ރުފިޔާ އިތުރުކޮށް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އެކަމަކު ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި ބަޖެޓު ކޮމިޓީން ވަނީ 300 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.
އެގޮތުން އާ ސަރުކާރާއެކު ދައުލަތުގެ ހިންގުމަށާއި ސަރުކާރުގެ މިނިސްޓްރީތަކަށް އައިސްފައިވާ ބަދަލާއެކު ޑޮމެސްޓިކް ބަޖެޓް ބެހިފައިވާގޮތަށް ބަދަލު ގެނެސް، ޕީއެސްއައިޕީ މަޝްރޫއުތަކަށް ވެސް ކޮމިޓީން އުނި އިތުރު ގެނަ އެވެ.
އެ ބަދަލުތަކާއު ކޮމިޓީން ބަޖެޓު ފާސްކުރި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ބަޖެޓަށް ގެނައި ބައެއް ބަދަލުތައް:
- - ޕީއެސްއައިޕީ މަޝްރޫއުތަކަށް 248 މިލިއަން ރުފިޔާ އިތުރުކުރުން
- - އާ ސަރުކާރުން ކުރިއަށްގެންދަން ނިންމި ފުށިދިއްގަރު ހިއްކުމުގެ މަޝްރޫއަށް ހިމެނި 400 މިލިއަން ރުފިޔާ އުނިކުރުން
- - އެ ފައިސާގެ ތެރެއިން 200 މިލިއަން އެމްޑީޕީ ސަރުކާރުން ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު ނިންމަން ހިމެނުން
- - އެ ފައިސާގެ ތެރެއިން ބާކީ 200 މިލިއަން ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ހިމެނުން
ބަޖެޓުގެ ހުލާސާ:
ޖުމްލަ ހަރަދު - 49.5 ބިލިއަން ރުފިޔާ
ޖުމްލަ ހިލޭ އެހީ އާއި އާމްދަނީ - 33.5 ބިލިއަން ރުފިޔާ
ބަޖެޓް ޑެފިސިޓް - 13.8 ބިލިއަން ރުފިޔާ
ދަރަންޏަށް ނަގަން ޖެހޭ - 17.2 ބިލިއަން ރުފިޔާ
ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް - 6.9 ބިލިއަން ރުފިޔާ