ދަރިމައިނުވުމުގެ މައްސަލައަށްދޭ އައިވީއެފް ފަރުވާއާއި އަންހެނުންނަށް ކުރިމަތިވާ ޕީސީއޯއެސް ބަލީގެ ފަރުވާ އާސަންދަ ނިޒާމު މެދުވެރިކޮށް ދިނަސް ބަޖެޓަށް ބުރަ ބޮޑުނުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އާސަންދައިގެ ހިދުމަތް ފުޅާކޮށް، އެ ސްކީމުގެ ދަށުން ހިލޭ ފަރުވާލިބޭ ދާއިރާތައް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އައިވީއެފްއާއި، ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސްގެ އިތުރުން އަހަރަކު ދެފަހަރު އާސައިންދައިގެ ދަށުން ކޮންމެ ރައްޔިތެއްގެ މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތް ވަނީ ހަމަޖައްސަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އާސަންދަ ކުންފުނީގެ އިސްވެރިން ހާޒިރުކޮށް، އެކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި އެ ފަރުވާތައް އާސަންދައިން ކުރެވޭ ގޮތަށް ހަމަޖެއްސުމުން ބަޖެޓަށް އަންނާނެ ބުރައާ ގުޅޭގޮތުން ވަނީ ސުވާލުކޮށްފަ އެވެ.
އެ ސުވާލާ ގުޅިގެން އާސަންދައިގެ އާ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ، އާސަންސައިގެ ދަށަށް އެ ފަރުވާތައް އިތުރުކުރިޔަސް ބަޖެޓަށް އެނގުންވާ ވަރުގެ ބޮޑު ބުރައެއް ނާންނާނެ ކަމަށެވެ. މިހާރު އެ ކުންފުނިން ކުރަންޖެހޭ ކަމަކީ އެ ފަރުވާތައް އާސަންދައިން ދިނުމާ ގުޅޭގޮތުން މިހާރު ލިޔެފައި ހުރި ގަވާއިދުތައް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހުރި ގަވައިދުތައް ބަދަލުކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. މިހާރު ލިޔެފައި ހުރޭ ދަރިމައިވުމުގެ ފަރުވާ އެއްވެސް ވަރަކަށް ކަވަ ނުކުރެވޭނެ ކަމަށް،" ޒީނިޔާ ވިދާޅުވި އެވެ.
ޕީސީއޯއެސް ފަދަ ފަރުވާތައް ދިނުމަށްފަހު ބައެއް ފަހަރު ހޮސްޕިޓަލްތަކުން މިހާރުވެސް އެ ފަރުވާއަށް އާސަންދައަށް ބިލް ކުރާ ކަމަށައި، ނަމަވެސް އެ ފަރުވާގެ ހަރަދު ކުރިން ރިޖެކްޓު ކުރަނީ ކަމަށް އޭނާ ވިދާޅުވި އެވެ. "މިހާރު ރިޖެކްޓްކުރާ އެއްޗެއް ގޮތަށް [ޕީސީއޯއެސްގެ ފަރުވާ] އޮންނަ އޮތުން ބަދަލުކޮށްލަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
އާސަންދަ މެދުވެރިކޮށް އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭގޮތަށް ބަދަލުކުރަން ސަރުކާރުން ނިންމި ނަމަވެސް އެއީ އެހާ ރަނގަޅު ނިންމުމެއް ކަމަށް ނުފެންނަ ކަމަށް މިއަދުގެ ބައްދަލުވުމުގައި ޒީނިއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ ބަދަލުގައި މިހާރު މަޝްވަރާ ކުރަނީ އެންމެ ފުރަތަމަ ލެޔާއި ޔޫރިން ފަދަ އަސާސީ ޓެސްޓްތަކެއް ކޮށްގެން ސިއްހީ މައްސަލައެއް ހުރިތޯ ބެލުމަށް ފަހު މައްސަލައެއް އުޅޭ ނަމަ ޑޮކްޓަރުގެ ލަފާގެ މަތިން ފުލް ޗެކަޕް ހެދޭނެ ގޮތެއް ރޭވުމަށެވެ.
"އަޅުގަނޑަކަށް ވެސް ގަބޫލެއް ނުކުރެވޭ އަހަރަކު ދެ ފަހަރަކު މެޑިކަލް ޗެކަޕެއް ގޮތަށް ޗެކަޕް ހަދަން ޖެހޭ ކަމަކަށް. ގިނަ ފަހަރަށް މެޑިކަލް ޗެކަޕް ތެެރޭ ހުންނާނެ އެކްސްރޭ ކަހަލަ އެއްޗެހި، އެއީ އެހާ ބޮޑަށް ބަލިމީހާ އެކްސްޕޯސް ކުރަން ވާނެ އެއްޗެއް ވެސް ނޫން،" ޒީނިޔާ ވިދާޅުވި އެވެ.
އާސަންދައިގެ ބޮޑު ބައެއް ހޭދަވަނީ ބޭސް ފިހާރަތަކަށް:
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޒީނިޔާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު އާސަންދަ ސްކީމުގެ އެންމެ ބޮޑު ހަރަދެއް ހިނގަނީ ބޭހަށެވެ. އެގޮތުން އާސަންދައިގެ 56 އިންސައްތަ ހޭދަވަނީ ބޭސް ފިހާރަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެންމެ ބޮޑު ހަރަދެއް ހިނގާ 11 ބޭހެއް ބަލްކް ޕްރޮކިއުމެންޓް އުސޫލުން ގެންނަން ފަށާފައިވާ ކަމަށާއި، އެގޮތަށް އަމަލުކުރުމުން އާސަންދައިން ބޭހަށް ހިނގާ ހަރަދު ކުޑަވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފުރަތަމަ ތިން މަހުގެ ތެރޭގައި އެކަން އިމްޕްލިމެންޓް ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. އޭރުން ވެސް [ބޭހުގެ] އަގުތައް ތަންކޮޅެއް ކުޑަކުރެވޭނެ ކަމަށް ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.