Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލުން މަހާއި ކަށީގެ މައްސަލަތަކަށް ހާއްސަ ވެކްސިނެއް ދޭން ފަށައިފި

މަހާއި ކަށީގެ މައްސަލަތައް މެދުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޓްރީޓޮޕް ހޮސްޕިޓަލުން ހާއްސަ ވެކްސިނެއް ދޭން ފަށައިފިއެވެ.

އޯތުރޮޕީޑިކް ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލިމީހުނަށް ހާއްސަ ވެކްސިނެއް ކަމަށްވާ ޕްލޭޓްލެޓް ރިޗް ޕްލާސްމާ (ޕީއާރުޕީ) އަކީ، އެފަދަ ބަލިތަކަށް އަވަސް ޝިފާއެއް ހޯދުމަށްޓަކައި ތައާރަފްކޮށްފައިވާ ވެކްސިނެއްކަމަށް މިއަދު އެ ހޮސްޕިޓަލުގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

އެ ފަރުވާ ބައްޓަން ކުރެވިގެންދާނީ ތެރަޕީއެއްގެ ގޮތުގައިކަމަށް ޓްރީޓޮޕުން ބުނެފައިވެއެވެ. އެގޮތުން، އެ ހޮސްޕިޓަލުގެ ޑރ. ކަންނިރާޖް މަރިމުތޫ ވިދާޅުވީ، ބަލިމީހާގެ ގައިގައި ހުންނަ ޕްލެޓްލެޓާއި ބްލަޑް ސެލްސް ވަކިކުރުމަށްޓަކައި، ބަލިމީހާގެ ގައިން ލޭ ނަގައި އެކަމަށް ހާއްސަ މެޝިނަކަށް ލާނެކަމަށެވެ. އަދި އެއަށްފަހު ފަރުވާ ހޯދަން ބޭނުންވާ ހަށިގަނޑުގެ ސަރަހައްދަށް ޕްލެޓްލެޓް ފޮނުވާކަމަށް ޑރ. ކަންނިރާޖް ވިދާޅުވިއެވެ.

އިންސާނައިގެ ގައިގައި ދައުރުވާ ޕްލެޓްލެޓްތަކަކީ އިންސާނާގެ ގަޔަށް ލިބޭ އަނިޔާތަކަށް ފަރުވާ ކުރުމުގައި އެންމެ އިސްރޯލެއް އަދާ ކުރާ އެއް މާއްދާކަމަށް ޑރ. ކަންނިރާޖް ވިދާޅުވިއެވެ. އެހެންކަމުން، އެ ތެރަޕީގެ އެހީގައި ބަލިމީހާގެ ގައިގައި އަޅާ ވޭން ކުޑަވެ ބައްޔަށް އަވަސް ފަރުވާއެއް ލިބިގެންދާނެކަމަށްވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

އެކި ސަބަބުތަކާހުރެ ބައެއް ޕޭޝަންޓުންނަށް އެ ފަރުވާ ނުދެވުނު ކަމުގައިވިޔަސް، އެ ފަރުވާ އަކީ އާބާދީގެ ބޮޑު ބަޔަކަށް އެކަށޭނެ ފަރުވާއެއްކަމަށް ޑރ. ކަންނިރާޖް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ފަރިވާ އަކީ އިސްތަށިފޭބުމާއި ރިޕްރޮޑަކްޓިވް ސިސްޓަމްތަކަށް މި ތެރަޕީއިން ފަރުވާ ލިބޭއިރު، ރާއްޖޭގައި ކުޅިވަރުކުޅޭ އެތައް ކުޅުންތެރިންނެއްގެ ފަޔަށް ލިބޭ ހެމްސްޓްރިންގުގެ އަނިޔާތަކަށާއި ކުދި އަނިޔާތަކަށްވެސް ޕީއާރުޕީ ތެރަޕީއިން އަވަސް ފަރުވާއެއް ލިބިގެންދާނެކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މީގެ އިތުރުން ޑރ. ކަންނިރާޖް ވިދާޅުވީ، ބައެއް އަނިޔާތަކަށް އެންމެ ރަނގަޅުވާނީ ފުރަތަމަ ފިޒިއޯ ތެރަޕީއިން ފަރުވާ ލިބޭތޯ ބެލުން ކަމުގައެވެ. އުޅަނބޮއްޓައް ލިބޭ އަނިޔާތައް ފަދަ އަނިޔާތަކަށް ޕީއާރުޕީ ތެރަޕީ ހެދުމުގެ ކުރިން އެންމެ ރަނގަޅުވާނީ ފިޒިއޯ ތެރަޕީ އިން ފަރުވާ ލިބޭތޯ ބެލުންކަމަށް ޑޮކްތަރު ފާހަގަކުރެއްވިއެވެ.

ޓްރިޓޮޕް ހޮސްޕިޓަލުން ބުނީ، އުއްމީދަކީ ޕީއާރުޕީ ތެރަޕީއަށް އާސަންދައިގެ ޚިދުމަތް ލިބިގެން ދިޔުންކަމަށެވެ. އެގޮތުން، ރާއްޖޭގެ ގިނަ ރައްޔިތުންނަކަށް އެ ތެރަޕީ ދިނުމަށްޓަކައި، އެ ތެރަޕީއަށް އާސަންދަ ހަމަޖެއްސޭތޯ މަސައްކަތްކުރަމުން ދާކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން މައުލޫމާތުދީފައިވެއެވެ

މި ލިއުމާއި ގުޅޭ