ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިހުމާލުވެފައިވާތީ ދިމާވި މައްސަލައެއްގެ ސަބަބުން އައްޑޫ ސިޓީގައި ދެ ދުވަހު ފެނުގެ ޚިދުމަތް މެދުުކެނޑިފައި އޮތުމަށްފަހު އެކަން ހައްލުކޮށް ރޭ ފެނުގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.
ހިތަދޫގައި ގާއިމުކޮށްފައި ހުރި ފެން ޕްލާންޓަކަށް ދިމާވި މައްސަލައެއްގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދުކެނޑުނީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހުއެވެ.
ފެނަކައިގެ އާ މެނޭޖްމަންޓާއި މުވައްޒަފުން ކުރި މަސައްކަތުން ދިމާވި މައްސަލަ ހައްލުކޮށް މިހާރު ވަނީ ފެނުގެ ޚިދުމަތް މެދުުކެނޑިފައި އޮތް އޮޮތުން ނިމުމަކަށް ގެނެސް ފެނުގެ ޚިދުުމަތް އަލުން ފޯރުކޮށްދީފައެވެ.
ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެނުގެ މައްސަލަ ދިމާވީ ތާވަލުކުރެވިގެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަންނުދީ އަދި ޔޫޓިލިޓީ ރެގިއުުލޭޓަރީ އޮތޯރިޓީން ނިޒާމު އިންސްޕެކްޓްކޮށް ހައްލުކުރަންޖެހޭ ކަންކަން ހައްލު ކުރުމަށް އަންގައި ފޮނުވާފައިވާ ރިޕޯޓަށް އެ އޮތޯރިޓީން ދީފައިވާ ޓައިމްލައިނާ އެއްގޮތަށް އަމަލުކުރެވިފައި ނުވުމުގެ ސަބަބުން ކަމަށެވެ. އަދި ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހަރުދަނާ އިންތިޒާމެއްގެ ދަށުުން ކުރާނެ ކަމުގެ ޔަގީންކަން ވެސް ފެނަކައިން ވަނީ ދީފައެވެ.
އެގޮތުން އައްޑޫގައި ފެނުގެ ސްޓޯރޭޖް އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ ވުޒާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.