ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ކުރިއަށްދާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ފިިޝަރީޒް މިނިސްޓްރީން ބުނީ ރައީސް މުޢިއްޒު, 43 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މި ބައްދަލުވުން އޮންނާނީ މީރުމާ އިވެންޓް ހޯލްގައި މިރޭ 20:30 ގައެވެ.
މިއަދު ހެނދުނު ފެށި މަސްވެރިންގެ ގުންޒަރު ކުރިއަށްދާނީ މިއަދު ހަވީރު 17:00 އާ ހަމައަށެވެ. މީރުމާ އިވެންޓް ހޯލުގައި ކުރިއަށްދާ މި ގުންޒަރުގައި 40 މަސްވެރިން ބައިވެެރިވެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާހުކޮށްދެއްވި މި ގުންޒަރުގައި ކަޅުބިލަމަހުގެ އެމްއެސްސީ ސެޓްފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކާއި ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ހިންގަމުންދާ ފިޝަރީޒް އިންޕްރޫވްމެންޓް ޕްރޮޖެކްޓް ގެ މަސައްކަތްތަކާގުޅޭ ގޮތުން މަސްވެރިންނާ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަހުގެ އަގު ކަނޑައެޅުމުގައި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ގެންގުޅޭ ހަމަތަކާއި މިންގަނޑުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެއިތުރުން މަސްދޯނިފަހަރުގައި ރެސްކިއު ޑައިވިންއަށް ސެޓިފައިވެފައިވާ ފަޅުވެރިން ތިބުމުގެ މުހިންމުކާމާ ގުޅޭ މައުލޫމާތު ޑައިވާޒް ލޮޖް މޯލްޑިވްސްގެ ފަރާތުން ގުންޒަރުގެ ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ. އަދި ކަނދުފަތި ގާއިމްކުރުމުގައި ބަލަންޖެހޭ މުހިންމު ފަންނީ ކަންތައްތަކާ ގުޅޭގޮ ތުން އެމްއެމްއާރްއައި ގެފަރާތުން ޑރ. އަޙުމަދު ރިޔާޒް ޖައުހަރީ މައުލޫމާތު ދެއްވާފައިވާއިރު މާލީ ނިޒާމްގެތެރެއިން މަސްވެރިންނަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ގުންޒަރުގެ ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.