Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ޖުމްލަ ހައްލެއް ގެންނާނަން: ޝިޔާމް

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ޖުމްލަ ހައްލެއް ގެންނަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ 43 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން މިއަދު ފެށި ''މަސްވެރިންގެ ގުންޒަރު'' ފޯރަމް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހަވީރަށް ކުރިއަށްދާ މި ފޯރަމަކީ މަސްވެރިކަމުގެ އެކި ދާއިރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެ ކަންކަމަށް ހައްލު ހޯދާނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ފޯރަމެކެވެ.

މި ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައި ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމެއް އަބަދުވެސް ކުރިމަތިވެފައި އޮންނަ ދާއިރާކަން ފާހަގަކުރައްވައި އެ ގޮންޖެހުތަކުގެ އަޑުއައްސަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ގޮންޖެހުންތަކަށް ޖުމްލަ ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

''މިއަހަރުގެ މަސްވެރިންގެ ދުވަސް މި ފާހަގަކުރަނީ ގައުމުގެ މާލީ ހާލަތާއި ވެރިކަމާ ހަވާލުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި. އަޅުގަނޑު އަދި ވަރަށް އާ. އެހެންނަމަވެސް ތިޔަ ތަޖުރިބާ ހުރި ބޭފުޅުންނާއެކު ކަންކަމާ މަޝްވަރާކޮށް ސަރުކާރުގެ ތެރެއިން ހައްލު ގެނެސް ދެއްވުމަށް މަސައްކަތް ކުރާނަން.'' ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މަސްވެރި ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ފަހި ގޮތްތައް މަގުފަހިކޮށްދެއްވުމަކީ އެމަނިކުފާނު ނުހަނު އިސްކަން ދެއްވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ މި ފޯރަމްގައި ކަނދުފަތި ގާއިމްކުރުމުގައި ބަލަންޖެހޭ މުހިންމު ފަންނީ ކަންތައްތަކާއި ގުޅޭ ގޮތުން އެމްއެމްއާރްއައިގ ފަރާތުން ޑރ.އަޙުމަދު ރިޔާޒް ޖައުހަރީ ވަނީ ފޯރަމްގެ ބައިވެރިންނަށް މައުލޫމާތު ދެއްވައިފައެވެ. އަދި މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބޭންކް އޮފް
މޯލްޑިވްސްގެ ފަރާތުން ވެސް ފޯރަމްގެ ބައިވެރިންނާ ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
މި ލިއުމާއި ގުޅޭ