Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

އައްޑޫ ފެނުގެ މައްސަލަ: މަރާމާތުނުކޮށް ނުބެލެހެއްޓުމުގެ ނަތީޖާ، ހައްލުކުރުމުގެ މަސައްކަތް ކުރިއަށް

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީން ފެނުގެ ޚިދުމަތް ކެނޑިފައި ހުންނަތާ ދެ ދުވަހަށްވުރެ ގިނަ ވަގުތު ފާއިތުވީ، ހިތަދޫއަށް ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އާރްއޯ ޕްލާންޓު މަރާމާތުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެންގި ގޮތަށް އެކަން ނުކޮށް އޮތުމުންކަން ހާމަވެއްޖެއެވެ. އަދި ކުރިމަތިވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ބާރުމިނުގައި ކުރަމުން އަންނަކަމަށް ކުންފުނީގެ އައު މެނޭޖިން ޑިރެކްޓާ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ދިމާވި މައްސަލައާއި ހައްލުކުރަން ކުރާ މަސައްކަތް

އައްޑޫ ފެން ޕްލާންޓުން ފެން އުފެއްދުން ހުއްޓުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރުއެވެ. ފެން އުފެއްދުން ހުއްޓުނީ ފެން ޕްލާންޓުގައި ބޭނުންކުރާ މުހިއްމު އާލަތެއްކަމަށްވާ ވޭރިއަބަލް ފްރިކުއެންސީ ޑްރައިވް (ވީއެފްޑީ)ގެ މައްސަލައެއް ޖެހިގެންނެވެ. އެއާއެކު މައްސަލަ މެދުވެރިވީ ކީއްވެގެންކަން ދެނެގަތުމަށް ފެނަކައިގެ މުވައްޒަފުން މަސައްކަތް ފެށިކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓާ މުއާޒު މުހައްމަދު ރަޝީދު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އެގޮތުން ވީއެފްޑީގައި މައްސަލައެއް އުޅޭކަން ކަށަވަރުވުމުން އޭގެ ސެލްފް ޑައޮގްނައިސިސްއެއް ހެދުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އެ މަސައްކަތްކުރަން ބެލިއިރު ހިތަދޫގައި ހުރި ވީއެފްޑީގެ ސްކްރީން ހުރީ ތަޅައިގެން ގޮސްފައެވެ. ދެން ޖެހުނީ އައްޑޫ ހުޅުދޫގައި ބޭނުންކުރާ ވީއެފްޑީގެ ސްކްރީން ގެނެސްގެން ސެލްފް ޑައެގްނޮސިސް ހަދާށެވެ.

ސެލްފް ޑައެގްނޮސިސް ނިންމައިލުމާއެކު، ފެނަކައިގެ ފަންނީ މުވައްޒަފުންނަށް ޤަބޫލުކުރެވުނީ ވީއެފްޑީ ބަދަލުކުރަންޖެހޭނެ ކަމަށެވެ. މުއާޒު ވިދާޅުވި ގޮތުގައި ވީއެފްޑީއެއް ރާއްޖެއިން ގަންނަން ބެލިއިރު ހިތަދޫ އާރްއޯ ޕްލާންޓުގައި ބޭނުންކުރާ ސައިޒުގެ ވީއެފްޑީއެއް ރާއްޖެއިން ލިބެން ނެތެވެ.

އެހިސާބުން އެމްޑަބްލިއުއެސްސީއަށް ގުޅައިގެން އެ ކުންފުނީގެ ގުޅީފަޅު ސައިޓުގައި ބޭނުންކުރާ ވީއެފްޑީ އައްޑޫއަށް ގެންދަން މަސައްކަތްކުރިއެވެ. މެންދުރުފަހު ފުލައިޓަށް އެ އެރުވި ނަމަވެސް ބަރުވެގެން ބާލަންޖެހުމުން ވީއެފްޑީ އައްޑޫއަށް ގެންދެވުނީ ހަވީރުއެވެ. އެރޭ އެ ވީއެފްޑީ ހަރުކޮށް ޓެސްޓުކުރިއެވެ. ނަމަވެސް އެ ވީއެފްޑީގައިވެސް މައްސަލައެއް ޖެހިގެން އިތުރު ވީއެފްޑީއެއް ހޯދުމުގެ މަސައްކަތް ޖެހުނީ ކުރާށެވެ.

މިއަދުގެ 11:00 އަށް އައިއިރު އެމްޑަބްލިއުއެސްސީން ވީއެފްޑީއެއް ހަމަޖައްސައި އެއާއެކު އެ ކުންފުނީގެ އިންޖިނިއަރަކުވެސް އައްޑޫއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް މުއާޒު ވިދާޅުވިއެވެ. އަދި މިހާރުވެސް މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޔުޓިލިޓީސް އޮތޯރިޓީން ކުރަން އެންގި ކަންކަން ހުރީ ނުކޮށް

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި އަހަރުގެ އޭޕްރީލް މަހުގައި އައްޑޫ ސިޓީގައި ފެނަކައިން ހިންގާ ފެނާއި ނަރުދަމާގެ ނިޒާމުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު، ގިނަ މައްސަލަތަކެއް ފާހަގަކޮށް ހައްލުކުރަން އަންގާފައިވެއެވެ. އަދި އޭޕްރީލް 30 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ރިޕޯޓުގައި ފާހަގަކުރި މައްސަލަތައް ހައްލުކުރަން ފެނަކައަށް އެ ކުންފުނިން އަންގާފައިވެއެވެ.

އައްޑޫ ހިތަދޫ ފެނުގެ ނިޒާމާ ގުޅޭ ގޮތުން ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި އާރްއޯ ޕްލާންޓުގައި ހުރި ލީކުތައް މަރާމާތުކުރުމާއި، 2 އާރުއޯ ޕްލާންޓު ބޭނުންކުރަން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން ހިމެނެއެވެ.

އާރްއޯ ޕްލާންޓުގެ ޕެނަލް ކެލިބަރޭޓުކޮށް، ޑިސްޓްރިބިއުޝަން ޕަމްޕުތައް މަރާމާތުކޮށް ޓްރާންސްފާ ޕަމްޕުތަކަށް ބޭނުންވާ ސްޕެއާ ޕާޓުތައް ހޯދައި، ހައި ޕްރެޝާ ޕަމްޕު ބަދަލުކޮށް، ފަޔާ ސޭފްޓީ އާލާތްތައް ހަމަކުރުމަށްވެސް އެ ރިޕޯޓުގައި އަންގާފައިވެއެވެ. އަދި ސްޓްރޭޖު ރޫމެއް ހެދުމާއި، ފެން ރައްކާކޮށް ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ ޓޭންކުތަކުގެ ތެރެއިން މައްސަލަ ޖެހިފައިވާ ޓޭންކު މަރާމާތުކުރުމަށްވެސް އެ ރިޕޯޓުގައި އަންގާފައިވެއެވެ.

ފެނަކައިގެ އައު އެމްޑީ މުއާޒު ވިދާޅުވި ގޮތުގައި، އައު މެނޭޖުމެންޓު ކުންފުނި ހިންގުމާ ހަވާލުވެވަޑައިގެންނެވިއިރުވެސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ފާހަގަކުރި ގިނަ މައްސަލަތައް ހުރީ ހައްލުނުކޮށް، މަރާމާތުކުރަންޖެހޭ ތަންތަން ހުރީ މަރާމާތުނުކޮށެވެ. މިހާރު ދިމާވެފައިވާ މައްސަލައަކީވެސް އެފަދައިން ކުރަންޖެހިފައި ހުރި މަރާމާތުތައް ބަރާބަރަށް ނުކޮށް ދިގުލައިގެން ގޮސްފައިވުމުން ކުރިމަތިވި މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މުއާޒު ދެއްވި ޔަގީންކަމަކީ މިފަދަ ހުރިހާ މައްސަލަތަކެއް ހައްލުކޮށް، މަރާމާތުކޮށް، ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތައް ރަނގަޅަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ފެނަކައިން ދޭ ޚިދުމަތުގެ ފެންވަރު ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ.

މި ލިއުމާއި ގުޅޭ