މަސް ރައްކާކުރުމަށް ދިމާވެފައި އޮތް ސްޓޯރޭޖު ކެޕޭސިޓީ އާއި އައިސްގެ މައްސަލަ ކުރިއަށް އޮތް 18 މަސްދުވަސްތެރޭ އެއްކޮށް ހައްލުކުރައްވާނެކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވި ގޮތުގައި ކެޕޭސިޓީ އިތުރުކުރުމަށް ކުރިން ހަވާލުކުރެވެމުން ބައެއް މަޝްރޫއުތައް އަދިވެސް ހުރި ނުނިމި ކަމަށާއި އެގޮތުން ފެނަކައަށް ދީފައި ހުރި ބައެއް އައިސްޕްލާންޓުގެ މަސައްކަތްތައްވެސް ނުނިމޭ ކަމަށްވެސް ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ޝިޔާމް ދެއްވި ޔަގީންކަމަކީ ފެލިވަރުގައި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް ދިނުމާއެކު އަދި އިތުރު އައިސްޕްލާންޓުތައް ތަރައްގީކުރައްވާނެކަމެވެ.
އެކަން ވިހާވެސް އަވަހަށްކުރަން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އޭނާ ވިދާޅުވީ ކުރިއަށް ނުދާ މަސައްކަތްތަކުގެ ކޮންޓްރެކްޓު ބާތިލްކޮށް އެހެން ބަޔަކާ އެކަން ހަވާލުކުރާނެ ކަމެވެ.
"އަޅުގަނޑު ދަންނަވައިފިން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭ އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގެ މަހުގެ ސްޓޯރޭޖުގައި މިހިރަ އުނދަގޫ އެއްކޮށް ހައްލުކުރަން. " ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން އަވަސް ދުވެލީގައި ކުރާނެކަމަށާއި ލަސްވާ ކޮންމެ ދުވަހަކީ އޭގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމަކަށް ވާނެ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތު މިހާރު އޮތް މިންވަރަށްވުރެ ފުޅާކުރުމުގެ ގޮތުން މަސް ބަންދުކުރާ ކާރުޚާނާތަކާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި އައިސް ޕުލާންޓުތައް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އޭގެ އިތުރަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތައް ހައްލުކުރެއްވުމުގެ ގޮތުން މަސްވެރިންގެ ދަފުތަރެއް އެކުލަވައިލާ، މަސްވެރިކަމަކީ ވަޒީފާއެއްކަމަށް ބަލައި، މާލީ އިދާރާތަކުން އެހެނިހެން ވަޒީފާތައް އަދާކުރާ މީހުންނަށް ލިބޭ ޚިދުމަތްތައް މަސްވެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމަނުއްވާފައިވެއެވެ.
ރައީސް ޑރ.މުޢިއްޒުގެ މެނިފެސްޓޯގައި ގެދޮރުވެރިކަމުގެ މައްސަލައަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއް ދާއިރާއަކީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމެވެ.