Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ބަޖެޓު

ރައީސްގެ އެންމެ ބޮޑު އެއް ވައުދުފުޅަށް ބަޖެޓުކުރި ފައިސާ އެމްޑީޕީ މެންބަރުން ބަޖެޓުން އުނިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދުފުޅުކަމަށްވާ ފުށިދިއްގަރު ފަޅު މަޝްރޫޢަށް ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކުރަން އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ބަޖެޓު ކޮމިޓީން ނިންމައިފިއެވެ.

އިންތިޤާލީ މަރުހަލާގައި އެމްޑީޕީގެ ސަރުކާރުން ހުށަހެޅި ބަޖެޓުގައި ފުށިދިއްގަރު ފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނާފައިވަނީ އެއިރު އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ.މުޢިއްޒު އެކުލަވައިލެއްވި ކޮމިޓީއާއި އެއިރުގެ ފިނޭންސް މިނިސްޓްރީއާއެކު ބަޖެޓަށް ބަދަލުތައް ގެނައުމަށް މަޝްވަރާކުރެވިގެންނެވެ.

ފުށިދިއްގަރު ފަޅު ހިއްކައި، އެތަނުން ފުލެޓާއި ގޯތި ދީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ގޯތި ގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދެވުމަކީ ރައީސް ޑރ.މުޢިއްޒުގެ އެންމެ މުހިއްމު އެއް ރިޔާސީ ވައުދުފުޅެވެ. އެ ވައުދުފުޅުގެ ދަށުން 18 ފުރޭ ކޮންމެ މީހަކަށް ގޯއްޗެއް ނުވަތަ ފުލެޓެއް ލިބޭނެ ނިޒާމެއް ޤާއިމުކުރެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވެއެވެ.

ކުރީ ސަރުކާރުން މަޖިލީހަށް ފޮނުވި ބަޖެޓުގައި ފުށިދިއްގަރު ފަޅު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ އުނިކުރުމަށްފަހު، ގުޅީފަޅާއި ގިރާވަރުފަޅާއި އުތުރު ތިލަފަޅު ހިއްކުމަށް އެ އަދަދަށް ފައިސާ ބަޖެޓުގައި ހިމަނައި އެ މަޝްރޫޢުތަކަށް ހޭދަކުރާ އަދަދު 600 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވެއެވެ.

ސަރުކާރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކުމަށް ޑރ.މުޢިއްޒުވަނީ ވައުދުވެވަޑައިގެން، އެ މަސައްކަތް ބަޖެޓުގައި ހިމެނުއްވި ނަމަވެސް އެމްޑީޕީން މިއެޅި ފިޔަވަޅާއެކު، ވައުދުވެވަޑައިގެންނެވި ގޮތަށް މަޝްރޫޢުގެ މަސައްކަތް ކުރެއްވުމަށް ހުރަސްއެޅޭނެއެވެ.

އޭގެ އިތުރަށް ބަޖެޓަށް އިތުރު 306 މިލިއަން ރުފިޔާ ހިމެނުމަށް ބަޖެޓު ކޮމިޓީން ފާސްކުރިއެވެ. އެއާއެކު ސަރުކާރުން ހުށަހަޅާފައި އޮތް 49.5 ބިލިއަން ރުފިޔާގެ ބަޖެޓު މިހާރުވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓަކަށް ބަދަލުވެފައެވެ.

މި ލިއުމާއި ގުޅޭ