ހުޅުމާލެ އިން ހަފުތާއެއް ތެރޭގައި 60 ޓަނުގެ ކުނި އާބަންކޯއިން އެއްކޮށްފިއެވެ.
އާބަންކޯ އިން ބުނެފައިވަނީ ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އާބަންކޯ އިން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ ގޮތުން އެކި ކެމްޕެއިންތައް ވެސް މީގެ ކުރިން އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވެއެވެ.
އާބަންކޯގެ އަމާޒަކީ ހުޅުމާލެއަކީ ސާފްތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމެވެ. އެހެންކަމުން އެ އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުން ވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކުންފުނިން އިލްތިމާސްކުރެއެވެ.