ހިޔާ ފުލެޓުގެ ކުލިން ކުރިއަށް އޮތް 7 އަހަރު ދުވަހަށް ދިން ލުއީގެ އިތުރަށް، ހިޔާގެ ކުލި ދައްކަންޖެހޭ މުއްދަތުން ބައެއް އުނިކުރުމާއެކު، ފުލެޓުގެ ޖުމްލަ އަގުން 200،000 ރުފިޔާގެ ޑިސްކައުންޓެއް ސަރުކާރުން ހަމަޖައްސައިފިއެވެ.
ކުލީގެ ތެރެއިން 200،000 ރުފިޔާގެ ޑިސްކައުންޓު ހަމަޖެހުނުކަން އިއުލާނުކުރެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ފަޒުލް ރަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި މައުލޫމާތުގައެވެ.
އިއްޔެ ކެބިނެޓުން މުހިއްމު ނިންމުންތަކެއް ނިންމިކަން އިއުލާނުކުރެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުވަނީ އަންނަ 7 އަހަރު ދުވަހަށް ކުލިން ބޮޑު އިންސައްތައެއް އުނިކުރަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. އެގޮތުން ކުރިއަށް އޮތް 7 އަހަރަށް ހިޔާ ފުލެޓުތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހެނީ 3،984.21 ރުފިޔާކަން ރައީސް އިއުލާނުކުރައްވާފައިވެއެވެ.
ރައީސްގެ މިނިންމެވުމުގެ އިތުރު ތަފުސީލުތައް ހާމަކޮށްދެއްވަމުން ފަޒުލް ވިދާޅުވީ ކުލީގެ ތެރެއިން 200،000 ރުފިޔާ އުނިކުރައްވަން ރައީސް ނިންމަވައި، އެއިން އެއްބައި މިހާރުން ފެށިގެން ކުލިން އުނިކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެބައަކީ މިހާރު ދައްކަމުންދާ ކުލިން އުނިވާ މިންވަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ ހަތް އަހަރު ދުވަހަށް މި ބަހާލެވެނީ އޭގެ ވަކި އަދަދެއް، އެ އެއްލައްކަ ރުފިޔާ މި ބަހާލެވެނީ ހަތް އަހަރު ދުވަހަށް، ދެން އެެއް ލައްކަ ރުފިޔާ ކެނޑިގެން މި އަންނަނީ، ކެނޑިގެން އައުމުގެ އޭގެ ނަތީޖާއެެއްގެ ގޮތުން މިހާރު ހިޔާގައި ތިބި ރައްޔިތުންގެ އެގްރީމެންޓްތައް އަޅުގަނޑުމެން މުރާޖައާ ކުރާއިރު، 27 އަހަރު އޮތް އޮތް 26 އަހަރާއި ތިން މަހަށް ބަަދަލު ވެގެން މި ދިޔައީ. އެހެންވީމަ މި ލުއި ހިޔާގެ ރައްޔިތުންނަށް މި ލިބިގެން ދިޔައީ ރައީސްގެ ނިންމެވުމާއި އެއްގޮތަށް،" ފަޒުލް ވިދާޅުވިއެވެ.
އެހެންކަމުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހިޔާގެ ކުލިން 200،000 ރުފިޔާ އުނިކުރުމުގެ ގޮތުން އެއްބައި އުނިކުރައްވާފައިވަނީ 7 އަހަރަށް ބަހާލައިގެން މިހާރު ދައްކަމުންދާ ކުއްޔަށް ދޭ ލުޔެއްގެ ގޮތުގައެވެ. އަނެއް ބައި ހަމަޖައްސަވާފައިވަނީ ފުލެޓުތަކުގެ ޖުމްލަ އަގުން އެބައި އުނިވާ ގޮތަށެވެ.
މި ނިންމެވުމާއެކު، 27 އަހަރާއި އެތައް މަހަކަށް ކުލި ދައްކަންޖެހުމުގެ ބަދަލުގައި 26 އަހަރާއި ތިން މަހަށް ކުލި ދައްކާ ގޮތަށް ބަދަލުވެ، އެ ދެ މުއްދަތުގެ ފަރަގުގެ ގޮތުގައި ގުނޭ މަސްތަކަށް ދައްކަންޖެހޭ ފައިސާ ފުލެޓުގެ އަގުން އުނިވެގެންދާނެއެވެ.