ރައްޔިތުންނަށް އެހެން މަންޒަރެއް ދައްކަން ރައްޔިތުންގެ މަޖިލީހަށް އެކިއެކި މައްސަލަތައް ހުށަހަޅައިގެން ސަރުކާރުގެ އޮފު ކަނޑުވައިލަން އެމްޑީޕީން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) މިއަދު ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމާއެކު މި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެ އެ އެއްބަސްވުން ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
މޮސްޓާ ވިދާޅުވީ އެމްޑީޕީން މިފަދަ މައްސަލަތައް ހުށަހަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ހިޔާ ފުލެޓުތަކުގެ އަގު ކުޑަކޮށް ދެއްވުމުން އެ ކަންތަކުގެ އަޑު ކަނޑުވައިލަންވެގެން ކަމަށެވެ.
''މިއަދު މީތި ކުއްލި މައްސަލައަކަށް ވާ ގޮތެއް ނޭނގެ.
19 ވަނަ މަޖިލިސް ފެށުނީއްސުރެ އެންމެ ގިނަ ކުއްލި މައްސަލަ ލީ މީހަކަށް އަޅުގަނޑު ވާނެ ހަމަ ޔަގީނުން ވެސް. ގިނަ ދުވަސް ދުވަހު މައްސަލަތައް ބޭރުކުރީ ކުއްލި މައްސަލައަކަށް ނުވެއޭ ކިޔާފަ''
އެމްޑީޕީން މިއަދު މި މައްސަލަ ހުށަހެޅިއިރު ފެނަކައިގެން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ވެސް އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ.
ޖެހިޖެހިގެން ދެ ދުވަހު މިފަދަ މައްސަލަތައް ހުށަހެޅުއްވުމުން މޮސްޓާ މިކަން ސިފަކުރެއްވީ އެމްޑީޕީއަށް ''ގެއްލުނު އެތީ [ވެރިކަން] ގެ ބޮޑުކަމުން އަދިވެސް އަރައިނުގަނެގެން'' އުޅޭ އުޅުމެއްގެ ގޮތުގައެވެ.
މޮސްޓާ ވިދާޅުވީ މި ވެރިކަން ފެށުނުތާ އަދި 21 ދުވަސް ނުވާ ކަމަށާއި މަޖިލީހުގައި މެޖޯރިޓީ އޮތުމުން ބާރުގެ ބޭނުންކޮށް ސަރުކާރުގެ އޮފު ކަނޑުވައިލަން މަސައްކަތް ކުރިޔަސް އޮފެއް ނުކެނޑުވޭނެ ކަމަށެވެ.
''ހިޔާ ފުލެޓުގެ އަގު ކުޑަނުކޮށްދޭ ކަމަކަށް ނުވާނެ އެކަން ކޮށްދީފި. އެ ކަންތައްތަކަށް މީޑިއާތަކުން ޚަބަރު ހަދާތީ އަޑު ކަނޑުވައިލަން ވެގެން ރައްޔިތުންނަށް އެހެން މަންޒަރެއް ދައްކަންވެގެން އިންޑިއާ ސިފައިންނޭ އޭއްޗެކޭ މީއްޗެކޭ ކިޔަން.''
މޮސްޓާ ވިދާޅުވީ އެމްޑީޕީން ކޮންމެ އެއްޗެކޭ ކީ ނަމަވެސް އިންޑިއާ ސިފައިން މިތާ ނެތް ކަމަކަށް ނުވާނެ ކަމަށެވެ. އަދި ސިއްރު އެގުރިމަންޓުތައް ނަހަދާ ކަމަކަށް ވެސް ނުވާނެ ކަމަށެވެ.